ޑިފެންސް މިނިސްޓްރީން ބުނީ އިއްޔެ އިން ފެށިގެން ކުރިއަށްގެންދާ މި ސަވައިލަންސް އޮޕަރޭޝަނުގައި، ރާއްޖޭގެ ދެކުނުގެ ބޭސްލައިނުން ފެށިގެން 200 ނޯޓިކަލްމޭލުގެ ސަރަހައްދެއް ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ރާއްޖޭގެ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ދިވެހި ސިފައިން ޑްރޯންއާއެކު ފަށާފައިވާ އޮޕަރޭޝަންގެ ދަށުން ސްރީލަންކާގެ ދެ މަސް ބޯޓު އަތުލައިގެންފި އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ އިއްޔެ އިން ފެށިގެން ކުރިއަށްގެންދާ މި ސަވައިލަންސް އޮޕަރޭޝަނުގައި، ރާއްޖޭގެ ދެކުނުގެ ބޭސްލައިނުން ފެށިގެން 200 ނޯޓިކަލްމޭލުގެ ސަރަހައްދެއް ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި މަަސައްކަތުގެ ދަށުން ސްރީލަންކާގެ ދެ މަސް ބޯޓު ސިފައިން ބަލައި ފާސްކުރާ ފޮޓޯއެއް ޑިފެންސް މިނިސްޓްރީން ރޭ ވަނީ އާއްމުކޮށްފަ އެވެ. ފޮޓޯއިން ފެންނަ ގޮތުގައި ލަންކާގެ ދެ މަސް ބޯޓު ހުއްޓުވާފައިވަނީ އައްޑޫ ގަމާ 104 ނޮޓިކަލް މޭލު ބޭރުން މިއަދެވެ.
ރާއްޖޭގެ އުތުރުން 200 ނޯޓިކަލް މޭލު ނުލިބޭ އަވަށްޓެރި ގައުމުތަކާއެކު، 31 ޖުލައި 1976 ގައި ދިވެހި ސަރުކާރުން އެއްބަސްވެފައިވާ "ޑިޓަމިނޭޝަން އޮފް ދަ ޓްރައި "ޖަންކްޝަން ޕޮއިންޓް އިން ގަލްފް އޮފް މަނާރު" ގެ އެއްބަސްވުން ފިޔަވައި އެހެން އެއްވެސް ގައުމަކާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން އެއްވެސް، މިންވަރެއް ގެއްލިގެންދާނެ ފަދަ އެއްވެސް، އެއްބަސްވުމެއް ދިވެހި ސަރުކާރުން އެކުލަވާލާފައިނުވާ ކަމަށެވެ. މިގޮތުން، ރާއްޖޭގެ އުތުރުގެ އެ ސަރަހައްދު ފިޔަވައި، ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުތަކުން، 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަހައްދެއް ރާއްޖެއަށް ލިބިލިިގެންވާކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވަވަމުން، އެ މަނިކުފާނު ވިދާޅުވީ، ކުރީގެ ސަރުކާރުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީ އަނބުރާ ގެންނަން ނިންމަވާފައިވާ ކަމަށާއި، އަދި ރާއްޖެ އާއި ޗާގޯސް އާދެމެދު އޮންނަ ކަނޑުގެ އިން ކަނޑައެޅުމަށް އިންޓްނޭޝަނަލް ޓްރައިބިއުނަލް އޮފް ލޯ އެންޑް ސީ (އިޓްލޮސް) އިން ނިންމި ނިންމުން ބަލައިނުގަންނަން ނިންމާފައިވާ ކަމަށެވެ.
"ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައިވާ ދިވެހިރާއްޖޭގެ އާކިޕެލޮޖިކް ބޭސް ޕޮއިންޓުތަކަށް ހަވާލާދީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމައި، ތިޔަ އިއްޒަތްތެރި މަޖިލިސް މެންބަރުންގެ ހާޒިރުގައި އެކަން އިއުލާނުކުރަން،" ރައީސް ވިދާޅުވި އެވެ.