އެންމެ ފަހުން ދެނެގަނެވުނު މީހާ އަކީ އިންޑިއާ ފިރިހެނެކެވެ. އަލިފާނުގެ އެ ހާދިސާގައި މަރުވި މީހުންގެ މައުލޫމާތު މިހާރު ފޮރިން މިނިސްޓްރީ އަށާއި ދެ ގައުމުގެ އެމްބަސީއާ ހިއްސާ ކޮށްފަ އެވެ.
މ. ނިރުފެހި ގޭގެ ގަރާޖުގައި އަލިފާން ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން މިހާތަނަށް ކާކުކަން ދެނެގަނެވިފައި ނުވާ މީހާއަކީ ކާކުކަން ހޯދައިފި އެވެ.
މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މެންދަމު 12:30 ގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވި އެވެ. އެ މީހުންގެ ހަށިގަނޑުތައް އިމާރާތުގެ ތެރެއިން ފެނުނުއިރު ވަރަށް ބޮޑަށް ވަނީ އަނދާފަ އެވެ. އެހެން ކަމުން އެއީ ކޮން ބައެއްކަން ދެނެގަންނަން އެހައި ފަސޭހައެއް ނުވި އެވެ. އަދި އެއީ ބިދޭސީން ކަމުން އެ މީހުންގެ މައުލޫމާތު ހޯދަން އިތުރު ހުރަސްތަކާ ވެސް ކުރިމަތިލާން ޖެހުނެވެ.
މި ހާދިސާގައި އެންމެ ފަހުން ދެނެގަނެވުނު މީހާ އަކީ އިންޑިއާ ފިރިހެނެއް ކަމަށް ފުލުހުން މިއަދު ބުންޏެވެ.
ފުލުހުން އިތުރަށް ބުނެފައި ވަނީ މި ހާދިސާގައި މަރުވި މީހުންގެ މައުލޫމާތު މިހާރު ފޮރިން މިނިސްޓްރީ އަށާއި ދެ ގައުމުގެ އެމްބަސީއާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ.
މަރުވި މީހުންގެ ތެރެއިން އާއިލާއިން ހަށިގަނޑު ގައުމަށް ގެންދަން ބޭނުންވާ މީހުންގެ ހަށިގަނޑު އެމީހުންގެ ގައުމަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެކަން ކުރަމުން ދަނީ ފޮރިން މިނިސްޓްރީ އަދި އެމްބަސީތައް ގުޅިގެންނެވެ.
މަރުވި މީހުންގެ ހަށިގަނޑުތައް ބަހައްޓާފައި ވަނީ ގަލޮޅު މޯޗަރީގަ އެވެ. އެ މީހުންގެ ހަށިގަނޑުތައް މޯޗަރީއަށް ގެންދިއުމުން ވަރަށް ގިނަ އަދަދެއްގެ އިންޑިއާ / ބަންގްލަދޭޝް ރައްޔިތުން މޯޗަރީ ކައިރިއަށް ޖަމާވި އެވެ. އެއީ އެ މީހުންގެ އާއިލާ މީހުންނާއި އެކުވެރީންގެ ހަބަރެއް ނުވެގެންނެވެ. މަރުވި މީހުން ދެނެގަތީ އެ މީހުންގެވެސް އެހީތެރިކަމާ އެކު އެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ލައްކައިން މަތީގައިވާއިރު އޭގެ ތެރެއިން ބޮޑު ނަންބަރެއް، ގަވާއިދާ ހިލާފަށް އުޅެއެވެ. އެެހެން ކަމުން ބިދޭސީންގެ ސައްހަ މައުލޫމާތު ހޯދުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެ އެވެ. މީގެ އިތުރުން ބިދޭސީންގެ ދިރިއުޅުން ހަމަޖެހިފައި އޮންނަ ގޮތުންވެސް މިފަދަ ތަހުގީގުތަކަށް މައުލޫމާތު ހޯދުމުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. ކުދިކުދި ތަންތަން ކޮޅުގައި އެތައް ބަޔަކު ނިދާ ކައިބޮއި ހަދައެވެ. އެކި ރޭ އެކި ތަންތަނުން ކައިބޮއި ނިދާ ހަދާ މީހުން ބައިވަރު އުޅެ އެވެ.
އަލިފާނުގެ ހާދިސާ ހިނގި ނިރުފެހި ގެއަކީ ވެސް އެފަދަ ގެއެކެވެ. ކުޑަކުޑަ ޖާގައެއްގައި އެތައް ބަޔަކު ކައްކާ، ކައި ނިދާ ހަދަ އެވެ. އަދި އެތަނަށް ކާން ދާ މީހުންނާއި ނިދަން ދާ މީހުން ވެސް އުޅެއެވެ. އެކުވެެރީންނާއި ދެމަފިރީން ވެސް ކުއްޔަށް އުޅެމުން ގެންދިޔަ އެވެ.