ރައީސް މިއަދު ވިދާޅުވީ އެ ޕްރޮގްރާމަކީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި ގޯތި ގެދޮރުގެ ތަނަވަސްކަން ހޯދުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ފަހިކޮށްދެއްވާނެ ކަމަށެވެ.

ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތަސް، ދެން ބޯހިޔާވަހިކަމަށް ހުޅުވާލާއިރު ކުރިމަތިލެވޭ ގޮތަށް ކެޓަގަރީއެއް އިތުރުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން "އާއިލީ ބޯހިޔާވަހިކަމުގެ" ނަމުގައި ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އެ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި ހުޅުވާލާފައި ވަނީ ރަސްމާލެއިން 15000 ގޯތި އަދި ހުޅުމާލެ އާއި ވިލިމާލެއިން ތިން ކޮޓަރީގެ 7900 ފްލެޓަށެވެ.
ނަމަވެސް ފިރިމީހާ ނުވަތަ އަނބިމީހާގެ ބޯހިޔާވަހިކަމެއް އޮތް މީހުންނަށް އެ ޕްރޮގްރާމުގެ ދަށުން ކުރިމަތިލުވެނޭ ކަމަށް އުސޫލުގައި ކަނޑައަޅާފައިވެ އެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ އެ ޕްރޮގްރާމަކީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި ގޯތި ގެދޮރުގެ ތަނަވަސްކަން ހޯދުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ފަހިކޮށްދެއްވާނެ ކަމަށެވެ.
"ގޯތި ގެދޮރުގެ ތަނަވަސްކަން ހޯދުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ފަހިކޮށްދިނުމުގެ ގޮތުން، ވަކި ކެޓެގަރީއެއްގެ ގޮތުގައި ތިމާގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ކުރިމަތި ލެވޭ ގޮތަށް ވަރަށް އަވަހަށް ހުޅުވާލެވޭނެ،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން، 2022 ވަނަ އަހަރު ހުޅުވައިލި ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކަށް މިހާރު ލިބިފައިވާ ގޯތި، ޖޮއިންޓްކޮށް އެ ގޯތި ލިބިފައިވާ ހުރިހާ ފަރާތްތައް އެ ގޯތި އެއްކޮށް ދޫކޮށްލަން އެއްބަސްވާނަމަ، ޖޮއިންޓްކޮށް ލިބުނު ކޮންމެ މީހަކަށް ގޯއްޗެއް ލިބޭ ގޮތަށް ވަކި ކެޓެގަރީއެއް ހުޅުވާލަން ވެސް ނިންމާފައިވާކަން ރައީސް އިއުލާނު ކުރެއްވި އެވެ.
"15000 ގޯތީގެ ތެރެއިން މި ދެ ކެޓެގަރީއިން ކޮންމެ ކެޓެގަރީއަކަށް 1000 ގޯތި ކަނޑައަޅާފައިވާނެ. 15000 ގޯތި ދޫކުރެވޭ ރަސްމާލޭގެ ބިން ހިއްކުން ވަރަށް ބާރު ދުވެލީގައި ދަނީ ކުރިޔަށް. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރަސްމާލޭގެ ބިން ހިއްކާ ނިންމުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވެފައި ވަނީ ގައުމުގައި އިޖުތިމާއީ ތަރައްގީ އާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކުރެވޭނީ ގައުމުގައި އޮތް އިޖްތިމާއީ އެންމެ ބޮޑު މައްސަލަ ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެވިގެން ކަމަށެވެ. މި ހައްލު ގެނެސްދިނުމަކީ މި ސަރުކާރުން އެންމެ އިސްކަންދީގެން މަސައްކަތްކުރަމުންދާ އެއްކަންތައް ކަމުގައި ވެސް ފާހަގަކުރެއްވި އެވެ.