އެގޮތުން، ރަސްމީ ދަތުރެއް ނުވަތަ ހާއްސަ ބައްލަވުމެއް ކުރިމަތިނުވާހާ ހިނދަކު، އަންނަ މަހުން ފެށިގެން ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުން ހަރުދަނާ ކުރުމުގެ ގޮތުން، ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ނޫސްވެރިންނާއެކު ބާއްވަމުން އަންނަ ގާތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ނޫސްވެރިންނާ ސީދާ އެ މަނިކުފާނު ބާއްވަވާ ބައްދަލުވުންތައް އިތުރުކުރައްވާނެ ކަމަށެވެ.
އެގޮތުން، ރަސްމީ ދަތުރެއް ނުވަތަ ހާއްސަ ބައްލަވުމެއް ކުރިމަތިނުވާހާ ހިނދަކު، އަންނަ މަހުން ފެށިގެން ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނުގެ އިތުރުން، ކެބިނެޓްގެ ކޮންމެ ވަޒީރަކު ވެސް ހަފުތާއަކު އެއް ފަހަރު އެއް ގަޑިއިރަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ހަމަޖެހުން ގާއިމުވެ، ތަރައްގީގެ ކަންކަން ރައްޔިތުންނަށް ހާމަކޮށްދިނުމަށް އަދި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ހަރުދަނާ މީޑިއާއެއް ގާއިމްވެފައި އޮތުން މުހިންމެވެ.
ނަމަވެސް، އިސްލާމް ގައުމެއްގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ހިފަހައްޓަމުން ފަސް ކާފު ހަމަ ތެދު ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވި އެވެ.