ރައީސް ދެއްވާ ޔަގީންކަން | ރީފައިނޭންސް ކުރާއިރު، މިހާރުގެ އިންޓްރެސްޓަށްވުރެ މައްޗެއް ނުވާނެ

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ބޮޑު އަގުގައި ނަގާފައިވާ ސުކޫކެއް ކަމަށާއި އޭގެ އަސްލު ތަކްލީފު 10.5 އިންސައްތައަށް އެވެ. ނަމަވެސް މި ފަހަރު ރީފައިނޭންސް ކުރާ އަަދަދު އެއަށްވުރެ މަތިވެގެން ނުދާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއެވާ ބައްދަލު ކުރެއްވުން

ސުކޫކް އަނބުރާ ދެއްކުމާއި ރީފައިނޭންސް ކުރުމުގެ ޕްލޭން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައި، ދަރަނީގެ އިންޓްރެސްޓް ރޭޓް މިހާރަށްވުރެ މަތިނުވާނެހެން ހިފަހައްޓަވާނެ ކަމުގެ ޔަގީންކަން ދެއްވައިފި އެވެ،

ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވެވި ޖަލްސާގައި ރައީސް ދެއްވި ރިޔާސީ ބަޔާނުގައި، ރާއްޖޭގެ ބޭރުގެ ދަރަނިތައް އަދާކުރުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތައް ތަފްސީލުކޮށްދެއްވި އެވެ. މީގެ ތެރޭގައި 2026 ވަނަ އަހަރުގެ އޭޕްރީލް މަހު މުއްދަތު ހަމަވާ ސުކޫކަށް ފައިސާ ދެއްކުމާއި، ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމާއި، ދަރަނި ނެގުމަށް ހިނގާ ހަރަދުތައް ކުޑަކުރުން ހިމެނެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ ފުރަތަމަ ބަޖެޓު ކަމަށްވާ 2025 ވަނަ އަހަރުގެ 56.6 ބިލިއަން ރުފިޔާގެ ބަޖެޓު ތަންފީޒުކޮށްފައި ވަނީ ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރުނުވާނޭހެން އަދި ސަޕްލިމެންޓަރީ ބަޖެޓަކާ ނުލަ އެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 38.0 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 12 ޕަސެންޓްގެ ކުރިއެރުމެކެވެ. 

އަދި މި އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން، މިދިޔަ ވަނަ އަހަރު ބޭރު ފައިސާއިން 1.2 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާތީ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް (އެސްޑީއެފް) ޖަމާކުރާ ޑޮލަރުގެ މިންވަރު އިތުރުކޮށް، ރަސްމީ ރިޒާވް ވަރުގަދަކުރުމަށް މަގުފަހިވެފައިވާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ދައުލަތުގެ މާލީ ހާލަތާ ގުޅޭގޮތުން ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ މިދިޔަ އަހަރު ބަޖެޓު ޑެފިސިޓް ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީ) ހަ ޕަސެންޓްގައި ކަމަށާއި، އަހަރުގެ ފުރަތަމަ 40 ހަފުތާގައި ބަޖެޓު ސަރޕްލަސްއެއްގައި ހިފެހެއްޓުނު ކަމަށެވެ. އަދި 2026 ވަނަ އަހަރާއި މެދު ރާސްތާގައި ބަޖެޓު ޑެފިސިޓް ޖީޑީޕީގެ 10 ޕަސެންޓަށްވުރެ ދަށުގައި ހިފެހެއްޓުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރިޔާސީ ބަޔާން އިއްވަނީ --

އަންނަ އޭޕްރީލް މަހަށް ހަމަވާ ސުކޫކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެކަމަށް ބޭނުންވާ 150 މިލިއަން އެމެރިކާ ޑޮލަރު ހަމަޖައްސާނީ އެސްޑީއެފް ގައި ރައްކާކުރެވިފައިވާ ބޭރު ފައިސާއިން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ބޭރުގެ ދަރަނިތައް އަދާކުރުމަށް އެސް.ޑީ.އެފް ބޭނުންކުރާނޭ ގޮތަށް މެދު ރާސްތާގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި، މީގެ މަޤްޞަދަކީ ދަރަނި އަދާކުރުމަށް އިތުރު ލޯނު ނެގުން މަދުކޮށް، ޖުމްލަ ދަރަނި ދަށްކުރުން ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރަށް ވާރުތަވި އެންމެ ބޮޑު މާލީ ގޮންޖެހުމަކީ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ކަމަށް ރައީސް ސިފަކުރެއްވި އެވެ. އެއީ 2017 ވަނަ އަހަރުގެ 250 މިލިއަން ޑޮލަރުގެ ބޮންޑެއް ދެއްކުމަށްޓަކައި ކުރީ ސަރުކާރުން ބޮޑު އަގުގައި ނަގާފައިވާ ސުކޫކެއް ކަމަށާއި އޭގެ އަސްލު ތަކްލީފު 10.5 ޕަސެންޓަށް އަރާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެން މި ސުކޫކު ދެއްކުމަށް ތައްޔާރުވެފައިވާ ކަމަށާއި، ސުކޫކުގެ އެއްބައި ދެއްކުމަށްފަހު ބާކީބައި ރީފައިނޭންސް ކުރާއިރު، އިންޓްރެސްޓް ރޭޓް މިހާރަށްވުރެ ބޮޑުނުވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް 45 ދުވަސް ތެރޭގައި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެކަން ކަށަވަރުވެފައިވާ ކަމަށާއި، ރާއްޖެއަށް ދަރަނި ދޫކުރާ ފަރާތްތަކަށް 'ޓްރިޕަލް-އޭ' ރޭޓިންގ އެޖެންސީތަކުން އިންޝުއަރެންސް ކަވަރޭޖް ހޯދާފައިވާ ކަމަށެވެ. އަދި އިތުރު 150 މިލިއަން ޑޮލަރު ހޯދުމަށް އެކި ފަރާތްތަކާއެކު މަޝްވަރާކުރެވެމުންދާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އެކަން ކޮޅެއްގައި ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން، 2018 ވަނަ އަހަރު އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓަށް ދޫކުރި 100 މިލިއަން ޑޮލަރުގެ ބޮންޑާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގައި އެ ބޮންޑުގެ މުއްދަތު ފަސް އަހަރަށް އިތުރުކުރުމަށް މަޝްވަރާ ކުރެވި، އެކަމުގެ ފަންނީ އެއްބަސްވުންތަކަށް އާދެވިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، އޭޕްރީލް މަހު މުއްދަތު ހަމަވާ ސުކޫކު ދެއްކުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ރައްޔިތުންނަށާއި ދައުލަތުގެ ހަޒާނާއަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ. އަދި މީގެ ސަބަބުން ދައުލަތުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުވެ، އެސްޑީއެފް އާއި ރަސްމީ ރިޒާވް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.