ނުކުޅެދޭ ކުދިންނަށް ހޯމް ސްކޫލިން ފަހިކޮށްދީ، ބެލެނިވެރިންނަށް ވޯކް ފްރޮމް ހޯމްގެ ފުރުސަތު

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ސިވިލް ސާވިސް ވަޒީފާއަށްދާ ބެލެނިވެރިންނަށް ވޯކް ފްރޮމް ހޯމްއަށް ވަޒީފާ ބަދަލުކުރުމުގެ ފުރުސަތު އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ލިބިގެންދާނެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ދެ މީހަކު ވީލްޗެއާގައި -- ފޮޓޯ: ފޭސްބުކް

ނުކުޅެދުންތެރިކަން ހުންނަ ކުދިން / ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހޯމް ސްކޫލިންގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިފެށުނު ދައުރުގައި ބިލެއް ހުށަހަޅުއްވާނެ ކަމަށާއި، އެފަދަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ފުރުސަތު އަންނަ މަހުން ފެށިގެން ފަހިކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ގޮތުން މިއަދު ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ މި ސަރުކާރަކީ ތައުލީމީ ދާއިރާގައިވެސް އަދުލުވެރިކަން ގެންގުޅޭ ސަރުކާރެއް ކަމަށާއި، އިންކްލޫސިވް އެޑިއުކޭޝަން ސިޔާސަތު އެންމެ ފުޅާ މިނުގައި ތަންފީޒު ކުރުމުގެ ހާއްސަ މަޝްރޫއެއް މިއަހަރު ފައްޓަވާނެ ކަމަށެވެ.

"އަޅުގަނޑުގެ ސިޔާސަތަކީ ތައުލީމީ ދާއިރާގައިވެސް އަދުލުވެރިކަން ގާއިމްކުރުން، ދިވެހި ކޮންމެ ކުއްޖެއް އަޅުގަނޑު ކުރިމަތީގައި ހަމަހަމަ. އެކުއްޖެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމަކުން އެކުއްޖާގެ ހައްގުތަކުން އެކުއްޖާ މަހުރޫމްވެގެން ނުވާނެ. އެގޮތުން ހުރިހާ ދަރިވަރުން ޝާމިލްކޮށްގެން ކިޔަވައިދިނުން ނުވަތަ އިންކްލޫސިވް އެޑިއުކޭޝަން ސިޔާސަތު އޭގެ އެންމެ ފުޅާ މިނުގައި ތަންފީޒު ކުރުމުގެ ހާއްސަ މަޝްރޫއެއް މިއަހަރު ފަށާނަން،" ރައީސް ވިދާޅުވި އެވެ.

އެގޮތުން ރައީސް ވިދާޅުވީ އެކުދިންނަށް ބޭނުންވާ ހާއްސަ ކްލާސްރޫމްތަކާއި، އެކުދިންގެ ހާލަތަށް ރިއާޔަތްކޮށް ޕްރައިވެސީ ލިބޭނެ ފާހާނާފަދަ ހާއްސަ އޭޑިއުކޭޝަނަލް ސަޕޯޓް ފެސިލިޓީތަކާއި އުނގެނުމަށާއި، އުނގަންނައި ދިނުމަށް ބޭނުންވާ އިކުއިޕްމެންޓާއި، ޑިވައިސްތަކާއި، ކަމާ ބެހޭ އެހެނިހެން ވަސީލަތްތައް ނެތް ހުރިހާ ސްކޫލުގައި މިއަހަރު އެކަންކަން ފުރިހަމަކޮށްދެއްވާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރިޔާސީ ބަޔާން އިއްވަވަނީ --

ރައީސް ފާހަގަކުރެއްވި ކަންކަން

  • އެ ކުދިންނަށް ބޭނުންވާ ޓީޗަރުންގެ ތަމްރީނު ކުރުމުގެ މަޝްރޫއު މިއަހަރު ފުޅާކުރުން
  • އެ ކުދިންނަށް ގުރުއާން ހިތުދަސްކޮށްދިނުމަށް އިތުރު މަސައްކަތްތައް ކުރުން
  • އެ ކުދިންނަށް ހާއްސަ ފޮތްތައް ތައްޔާރުކުރުން
  • އެ ކުދިންގެ ނުކުޅެދުންތެރިކަމާއި އެކަށީގެންވާ ގޮތެއްގައި އޯލެވެލްއަށް ތައްޔާރުކުރުމަށް ހާއްސަ މަސައްކަތެއް ރާވައި ތަންފީޒުކުރަން މިއަހަރު ފެށުން

"މީގެއިތުރުން ދަރިވަރުންގެ ނުކުޅެދުންތެރިކަން ހުރި ނިސްބަތާ ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލައި ހެދޭ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް ކަނޑައެޅޭ ގަވާއިދަކާ އެއްގޮތްވާގޮތުގެ މަތިން އެފަދަ ކުދިންނަށް ހޯމް ސްކޫލިން ޕާތްވޭ ފަހިކޮށްދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މި އިއްޒަތްތެރި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި އިރާދަކުރެއްވިއްޔާ ހުށަހަޅާނަން،" ރައީސް ވިދާޅުވި އެވެ. 

ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ސިވިލް ސާވިސް ވަޒީފާއަށްދާ ބެލެނިވެރިންނަށް ވޯކް ފްރޮމް ހޯމްއަށް ވަޒީފާ ބަދަލުކުރުމުގެ ފުރުސަތު އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ލިބިގެންދާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.