"މި ހުރިހާ މަސައްކަތްތައް ނިންމައި 11 ނޮވެމްބަރު 2027 ވަނަ ދުވަހު މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރާނަން،" ރައީސް ވިދާޅުވި އެވެ.

އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި، މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ނިމޭނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފި އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވަވަމުން، ރައީސް ވަނީ، އެތަކެއް އަހަރަކަށް ދިގުދެމިގެން ގޮސްފައިވާ މާލޭގެ މައި ވިޔަފާރި ބަނދަރު، 2027 ވަނަ އަހަރުގެ ނޮވެމްބަރު 11 އަށް ނިންމޭނެކަން އިއުލާނުކުރައްވައިފަ އެވެ.
މިގޮތުން، އެ ބަނދަރު ތިލަފުއްޓަށް ބަދަލުކުރަން ބޭނުންވާ ދެ ކިލޯ މީޓަރުގެ ކީވޯލް އާއި ޕޭވްކުރުމުގެ މަސައްކަތާއި އިމާރާތް ކުރުމުގެ މަސއްކަތްތައް މިއަހަރުގެ މެދުތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ ކަމަށާއި، އެ މަސައްކަތްތައް އެއްކޮށް ނިންމައި، އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރުމުން ހަތް ދުވަހުން ހުސްކުރެވޭ މުދާ، 48 ގަޑިއިރުގެ ތެރޭގައި ހުސް ކުރެވޭނެ އެވެ. އަދި ބަނދަރުގައި މުދާ ބެހެއްޓޭނެ މުއްދަތު އިތުރުކުރެވި، މުދާ ގެނައުމަށް ހިނގާ ހަރަދުތައް ވެސް ކުޑަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މި ހުރިހާ މަސައްކަތްތައް ނިންމައި 11 ނޮވެމްބަރު 2027 ވަނަ ދުވަހު މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރާނަން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، މި ބަދަލުތަކާ އެކު، މުދަލުގެ އަގު ހެޔޮވެ އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށާއި، އަދި މާލޭގައި ގުދަން ކުރާ މުދަލާއި، މާރުކޭޓު ސަރަހައްދުގައި ކުރާ ހޯލްސޭލް ވިޔަފާރިތައް ވެސް ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށެވެ.