ރައީސް މި ގޮތަށް ތަރައްގީ ކުރާ ރިސޯޓުން ރައްޔިތުންގެ ޖީބަށް ލިބޭނެ އާމްދަނީގެ އަންދާޒާއެއްވެސް ދެއްވާފަ އެވެ. މިގޮތުން ކޮންމެ ދިވެހި ރައްޔިތެއްގެ ޖީބަށް އަހަރަކު 400 ޑޮލަރު ލިބޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

ސަރުކާރު ކުންފުންޏެއް މެދުވެރިކޮށް 10 ރިސޯޓް ތަރައްގީކޮށް ދިވެހިންނަށް ހިއްސާދޫކޮށް، ކޮންމެ އަހަރަކު ފައިސާ ޖަމާކުރާ އުސޫލެއް ގާއިމް ކުރަން ނިންމައިފި އެވެ.
ރައްޔިތުން މަޖިލީސް ހުޅުއްވައި ދެއްވުމުގެ ގޮތުން ގައުމާ މުހާތަބު ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރިސޯޓް ހިއްސާ ދިވެހިންނަށް މާނަވީ ގޮތެއްގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން 10 ރިސޯޓެއް ސަރުކާރުން ގާއިމްކޮށް ކޮންމެ ދިވެހި ރައްޔިތެއްގެ އެކައުންޓަށް ޑޮލަރުން އަހަރަކު އެއް ފަހަރު އާމްދަނީ ޖަމާކުރަން ވަނީ ނިންމާފަ އެވެ.
ރައީސް މި ގޮތަށް ތަރައްގީ ކުރާ ރިސޯޓުން ރައްޔިތުންގެ ޖީބަށް ލިބޭނެ އާމްދަނީގެ އަންދާޒާއެއްވެސް ދެއްވާފަ އެވެ. މިގޮތުން ކޮންމެ ދިވެހި ރައްޔިތެއްގެ ޖީބަށް އަހަރަކު 400 ޑޮލަރު ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާ މިއީ ފަސް މެންބަރުންގެ އާއިލާއެއް ތިބި ބައެއްނަމަ 2،000 ޑޮލަރު ލިބޭނެ އެވެ.
ރައީސް ވިދާޅުވީ މި ރިސޯޓްތައް ނިމޭނެ ކަމަށް އަންދާޒާ ކުރެވެނީ 2030 ވަނަ އަހަރު އެވެ.
"ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓް ތަރައްގީ ކުރާނެ. އެ ރިސޯޓްތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް ހަމަ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓަށް ހަމަހަމަ ކަމާއެކު އަހަރަކު އެއް ފަހަރު ބޭރު ފައިސާ އިން ޖަމާކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
ރިސޯޓް ތަކެއް ތަރައްގީކޮށް ދިވެހިންނަށް ހިއްސާ ދިނުމަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ކުރެއްވި ވައުދެކެވެ. ނަމަވެސް މި ވައުދު ފުއްދޭނެ ގޮތް ވަނީ ނުވެފަ އެވެ.