އެ މަނިކުފާނު ވިދާޅުވީ ކުރީގެ ސަރުކާރުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީ އަނބުރާ ގެންނަން ނިންމަވާފައިވާ ކަމަށެވެ.

ޗާގޯސް ޖަޒީރާ ރަށްތަކުގެ ސިޔާދަތީ ބާރު ދޫކޮށްލައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ރަސްމީކޮށް އަނބުރާ ގެނެސް، ކަނޑުން ބައެއް ގެއްލުނު މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފައްދަން ނިންމަވާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވަވަމުން، އެ މަނިކުފާނު ވިދާޅުވީ، ކުރީގެ ސަރުކާރުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީ އަނބުރާ ގެންނަން ނިންމަވާފައިވާ ކަމަށާއި، އަދި ރާއްޖެ އާއި ޗާގޯސް އާދެމެދު އޮންނަ ކަނޑުގެ އިން ކަނޑައެޅުމަށް އިންޓްނޭޝަނަލް ޓްރައިބިއުނަލް އޮފް ލޯ އެންޑް ސީ (އިޓްލޮސް) އިން ނިންމި ނިންމުން ބަލައިނުގަންނަން ނިންމާފައިވާ ކަމަށެވެ.
"ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައިވާ ދިވެހިރާއްޖޭގެ އާކިޕެލޮޖިކް ބޭސް ޕޮއިންޓުތަކަށް ހަވާލާދީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމައި، ތިޔަ އިއްޒަތްތެރި މަޖިލިސް މެންބަރުންގެ ހާޒިރުގައި އެކަން އިއުލާނުކުރަން،" ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން، ޗާގޯސް މައްސަލައިގައި ކުރީގެ ސަރުކާރުން އިޓްލޮސްގައި ނެގި ސްޓޭންޑުތަކުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި، އެ ސްޓޭންޑުތައް ނެގި ސަބަބު އޮޅުން ފިލުވުމަށާއި ފިޔަވަޅެއް އަޅަންޖެހޭނެ ފިޔަވަޅެއް އެޅުމަށް އިންކުއަރީ ކޮމިޝަނެއް ހަދަން ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ނިމިދިޔަ ސަރުކާރުން ނިންމާފައިވާ ބައެއް ނިންމުންތަކުގެ ސަބަބުން ދިވެހި ދައުލަތަށް އިއާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މައްސަލައިގައި އައްޔަން ކުރެވުނު ބައިނަލްއަގްވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ އެ ނިންމުންތައް ނިންމެވި ފަރާތްތަކާ ސުވާލުކޮށް އެ ނިންމުންތައް ނިންމާފައިވާ ސަބަބުތައް ދެނެގަތުމަށާއި އެކަންކަމާ ގުޅޭ ގޮތުން ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ނަމަ އެކަން ކުރުމަށާއި އަދި އެފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން އެކަށައެޅުމަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ކޮމިޝަން އޮފް އިންކުއަރީއެއް އުފެއްދުމަށް އަޅުގަނޑު ނިންމި ކަން ވެސް ތިޔަ ބޭފުޅުންނަށް އިއުލާނު ކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދައި، ޗާގޯސް ރާއްޖެއަށް ހޯދަން ވެސް އިނގިރޭސިވިލާތުގެ ސަރުކާރާ އެކު މަޝްވަރާތައް ކުރަމުން އަންނަކަން ހާމަކުރައްވައިފަ އެވެ. އެގޮތުން، މޮރިޝަސްއަށް ވުރެ ޗާގޯސް ހައްގީ ރާއްޖެއަށް ކަމަށް ބަޔާންކޮށް އިނގިރޭސިވިލާތުގެ ސަރުކާރަށް ދެ ސިޓީއެއް ފޮނުވައި، އެ ގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރާ އެކު ފޯނު ކޯލަކުން މަޝްވަރާ ކުރައްވާފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.