އޭގެ އެއް މަސައްކަތެއްގެ ގޮތުން، މިދިޔަ އަހަރު އެމްއެންޑީއެފްގެ ފުރަތަމަ އެއާ ސްޓޭޝަން އައްޑޫ ސިޓީގައި ގާއިމްކޮށް ހިދުމަތް ދެމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ.

އެމްއެންޑީއެފްގެ އެއާކޯ ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން މިއަހަރު ދެވަނަ އެއާ ސްޓޭޝަން ށ. ފުނަދޫގައި ގާއިމްކޮށް، ހިދުމަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުމުގެ ޖަލްސާގައި މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ދިފާއީ ބާރުގެ ހިދުމަތުގެ ގާބިލިއްޔަތުކަން އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އޭގެ އެއް މަސައްކަތެއްގެ ގޮތުން، މިދިޔަ އަހަރު އެމްއެންޑީއެފްގެ ފުރަތަމަ އެއާ ސްޓޭޝަން އައްޑޫ ސިޓީގައި ގާއިމްކޮށް ހިދުމަތް ދެމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި މިހާރު ފުނަދޫގައި ހަދަމުންދާ ސްޓޭޝަން މިއަހަރު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
އޭގެއިތުރުން، ދިފާއީ ބާރުގެ ހިދުމަތް ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކޯސްޓްގާޑުގެ ހިދުމަތް ދެގުނަ ކުރުމަށް ތުރުކީވިލާތުގެ ހިލޭ އެހީގެ ދަށުން ސިފައިންގެ ހިދުމަތަށް މިހާތަނަށް ތައާރަފްކުރި އެންމެ ބޮޑު އުޅަނދު މިދިޔަ އަހަރު ތައާރަފްކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ؛
"މިއަހަރު ތެރޭގައިވެސް މެރިންކޯގެ ގާބިލްކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތައް ހޯދައި، ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ސިފައިންގެ ތައުލީމާއި ތަމްރީނުގެ ކަންކަން ކުރިއަރުވައި ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ގިރިފުށީގެ ބިން ހިއްކައި، އުމްރާނީ ވަސީލަތްތައް ގާއިމްކުރުމާއި، އެމްއެންޑީއެފްގެ އައްޑޫ ޓްރެއިނިން ސެންޓަރު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ކަޅުތުއްކަލާ ކޮށީގައި އުމްރާނީ ބިނާގެ ގިނަ މަސައްކަތްތަކެއް މިއަހަރު ކުރިއަށް ދާނެކަން ވެސް ފާހަގަކުރެއްވި އެވެ.
އޭގެއިތުރުން ސިފައިންގެ ތައުލީމާއި ތަމްރީނަށް ޒަމާނީ ބަދަލުތަކެއް ގެންނަން ޖެހޭކަމަށާއި އެކަން ސަރުކާރުން ކުރާނެކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.