ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރި ފައިސާގެ މިންވަރު 1.3 ބިލިއަން ޑޮލަރަށް ވަނީ އިތުރުކޮށްފަ އެވެ.

ރާއްޖޭގެ ޖުމްލަ ރިޒާވް 1.3 ބިލިއަން ޑޮލަރަށް ބޮޑުކޮށް، ލޯނު ދައްކަން ފައިސާ ޖަމާކުރާ، ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) ފަންޑަށް 275 މިލިއަން ޑޮލަރު ޖަމާކޮށްފި އެވެ.
ރައްޔިތުން މަޖިލީސް ހުޅުވުމުގެ ގޮތުން ގައުމާ މުހާތަބު ކުރައްވައި މިއަދު ދެއްކި ތަގުރީގުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރި ފައިސާގެ މިންވަރު 1.3 ބިލިއަން ޑޮލަރަށް ވަނީ އިތުރުކޮށްފަ އެވެ. މީގެ އިތުރުން މި އަހަރުގެ އެޕްރީލް މަހު ރާއްޖޭން ދައްކާ ބޮޑު ދަރަނި ދައްކަން އެސްޑީއެފް ފަންޑަށް ވަނީ 275 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއް ޖަމާކޮށްފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ މާލީ ސިޔާސަތުތަކުގެ ސަބަބުން ކުރިއަށް ދެއްކުމަށް ހުރި ދަރަނިތައް އަދާކުރުމަށް ވަރަށް ބޮޑަށް ވަނީ ފަސޭހަވެފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި މަނީ އެކްސްޗޭންޖް ގާނޫނަށް ގެނެވުނު ބަދަލާ ގުޅިގެން 492 މިލިއަން ޑޮލަރު އެމްއެމްއޭ އިން މާރުކޮށްފަ އެވެ. މިއީ ދައުލަތުގެ ރިޒާވް ރަނގަޅު ކުރަން އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެސްޑީއެފްގައި ހުރީ ދެ މިލިއަން ޑޮލަރެވެ. ނަމަވެސް ދަރަނި އަދާކުރުމަށް އުފައްދާފައިވާ އެސްޑީއެފްގައި މިވަގުތު 275 މިލިއަން ޑޮލަރު ހުރިކަން ރައީސް އިއުލާނު ކުރެއްވި އެވެ. އެ ބަދަލު ގެނެވުނީ، އެއާޕޯޓް ޑިވަލޮޕްމެންޓް ފީ ބޮޑުކޮށް، އެ ފަންޑަށް ޖަމާކުރާ ޑޮލަރު އިތުރުކޮށްގެންނެވެ. މީގެ ތެރެއިން 150 މިލިއަން ޑޮލަރު އަންނަ އޭޕްރީލްގައި ދައްކަން ޖެހޭ ސުކޫކަށް ދެއްކުމަށް ބޭނުން ކުރާނެކަން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ލޯނު ދައްކަން ލުއި ކުރުމުގެ ގޮތުން ޗައިނާއިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ފަސްކޮށް އިންޑިއާގެ ކަރެންސީ ސްވޮޕް ފެސިލިޓީ ވެސް ރޯލްއޯވާ ކުރެވިފައިވާކަން ރައީސް އިއުލާނު ކުރެއްވި އެވެ. މީގެ އިތުރުިން މިދިޔަ ސަރުކާރުން ވަނީ އަބޫދާބީ ފަންޑް ފޯ ޑިވަލޮޕްމެންޓުން 2018 ވަނަ އަހަރު ނެގި 100 މިލިއަން ޑޮލަރުގެ ބޮންޑު ދެއްކުން ވެސް އިތުރު ފަސް އަހަރަށް އިތުރުކޮށްދެއްވާފައިވާ ކަމަށް ރައީސް ޑރ، މުއިއްޒު ވިދާޅުވި އެވެ.