"ރިޔާސީ ބަޔާނުގައި ވިދާޅުވި 90% މަސައްކަތް ނުނިމޭ، ސަބަބު ސާފުކޮށްދޭން ޖެހޭ"

އަދި އެއް އަހަރު ނިންމައި އަނެއް އަހަރުގެ ރިޔާސީ ބަޔާން އިއްވާއިރު، ކުރީގެ ބަޔާނުގައި ހުރި ކަންކަން ކޮށްނުދެވުން ސަބަބު ސަރުކާރުން ރައްޔިތުންނަށް ބުނެދޭން ޖެހޭނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ --

ރައީސް ޑރ. މުހައްމަދު މުއިއްޒު ވޭތުވެދިޔަ ދެ އަހަރު ދެއްވި ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ކަންކަމުގެ 90 ޕަސެންޓް މަސައްކަތް ފުރިހަމަނުކުރެވޭ ކަމަށާއި، އެހެންކަމުން މާދަމާ އިއްވަވާ ރިޔާސީ ބަޔާނުގައި އެ ކަންކަން ފުރިހަމަ ނުކުރެއްވި ސަބަބު ސާފުކޮށްދެއްވުމަށް އިދިކޮޅު އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

މިއަހަރުގެ ފުރަތަމަ ދައުރު ފެށުމުގެ ޖަލްސާ މާއްދަމާ 9:00ގައި އޮންނައިރު، އެ ޖަލްސާގައި މިއަހަރަށް ސަރުކާރުން ކުރަން ހުރި ކަންކަން ބަޔާންކުރާ ރިޔާސީ ބަޔާން ރައީސް އިއްވަވާނެ އެވެ.

އެ ޖަލްސާއާ ގުޅޭ ގޮތުން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ މަޖިލިސް މެންބަރުން ވަނީ، ކުރީގެ ރިޔާސީ ބަޔާންތަކުގައި ރައީސް ދައްކަވައިފައިވާ ވާހަކަފުޅުތައް ފާހަގަކުރައްވައި، އޭގެ ތެރެއިން ގިނަ ކަންކަން ފުރިހަމަވެފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ވެވަޑައިގަތް ބައެއް ވައުދުތަކުގެ ވީޑިއޯވެސް ދެއްކި އެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ނިމިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގެ 90 ޕަސެންޓް މަސައްކަތް ނުނިމި އޮތް ކަމަށެވެ. އަދި އެއް އަހަރު ނިންމައި އަނެއް އަހަރުގެ ރިޔާސީ ބަޔާން އިއްވާއިރު، ކުރީގެ ބަޔާނުގައި ހުރި ކަންކަން ކޮށްނުދެވުން ސަބަބު ސަރުކާރުން ރައްޔިތުންނަށް ބުނެދޭން ޖެހޭނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

"ދެ ގަޑިއިރެއްހާ ދިގުކޮށް ރިޔާސީ ބަޔާން ގެންދިޔައިރު އެތައް ކަމަށް ވައުދުވެވަޑައިގެން ނިންމެވީ. [ނަމަވެސް] 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގެ 90 ޕަސެންޓް ކަންތައް ހުރީ ނުނިމި. އެކަމަކު މިއަދުގެ ހަގީގަތަކީ ބަޖެޓު އެއްކޮށް ހުސްވެގެން ދިޔައީ، އެއީ އަޅުގަނޑުމެން ކުރިމަތީގައި ފެންނަން މި އޮތް ހަގީގަތަކީ،" ޣަފޫރު ވިދާޅުވި އެވެ.

މާދަމާ އިއްވަވާ ރިޔާސީ ބަޔާނުގައި ރައީސް އެންމެ ފުރަތަމަ ވެސް ފާހަގަކުރައްވަން ޖެހޭނެ ކަމަކީ ދައުލަތުގެ ފައިސާއަށް ވަމުންދާ ގޮތާއި، ވައުދުތައް ނުފުއްދުނު ސަބަބުތައް ކަމަށްވެސް ވިދާޅުވި އެވެ.

ނުފުއްދުނު ވައުދުތަކުގެ ތެރޭގައި އެމްޑީޕީން ފާހަގަކުރި ކަންކަމުގެ ތެރޭގައި ހިމެނެނީ ފައިސާ ޗާޕުނުކުރުމާއި ޑޮލަރުގެ އަގު ދަށްކުރުމުގެ އިތުރުން ވައިޓް ބޮޑީ އެއާކްރާފްޓެއް ގެނެސްގެން ޔޫރަޕްގެ ބައެއް މަންޒިލްތަކަށް އުދެހުން ހިމެނެ އެވެ.

މިދިޔަ ދެ އަހަރު ރައީސް ރިޔާސީ ބަޔާން އިއްވި ޖަލްސާގައި އެމްޑީޕީ މެންބަރުން ވަނީ އިހުތިޖާޖުކޮށްފަ އެވެ. މިދިޔަ އަހަރު ރައީސް ބަޔާން އިއްވެވީ އިހުތިޖާޖު ކުރި މެންބަރުން ބޭރުކުރުމަށްފަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.