ލަންކާގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއަށް ރައީސް މިއަދު ވަނީ ސިޓީއެއް ފޮނުއްވާފަ އެވެ.

ލަންކާއަކީ ރާއްޖެއާ އެންމެ ގާތް އަދި އެންމެ އިތުރުބާރު ކުރެވޭ ރަހުމަތްތެރިންގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ވަނީ ދެ ގައުމުގެ އެތައް ގަރުނެއްވީ ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ލަންކާއަކީ ދިވެހިރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރުކުރެވޭ ރަހުމަތްތެރީންގެ ތެރޭގައި ހިމެނޭ ގައުމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
އެމަނިކުފާނު ވަނީ ލަންކާގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި ސާބިތު އަޒުމު، ގާއިމުވެފައި އޮތުމަށް އެދިވަޑައިގަންނަވާފަ އެވެ.
ލަންކާގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއަށް ރައީސް މިއަދު ވަނީ ސިޓީއެއް ފޮނުއްވާފަ އެވެ.
އެ ސިޓީގައި، މި އަހަރުގެ މިނިވަން ދުވަސް ލަންކާއާ ބައްދަލުކުރަނީ، އެ ގައުމުގެ އިގުރިސޯދު އިތުރަށް ހަރުދަނާކުރުމުގައްޔާއި، އެ ގައުމުގައި އިޖުތިމާއީ ހަމަޖެހުން ގާއިމުކުރުމުގައްޔާއި، ގައުމީ ކުރިއެރުމުގައި، ވިލުންތެރިކަން ދައްކަމުންދާ ދަނޑިވަޅެއްގައި ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
އަދި ދެ ގައުމުން ހިއްސާކުރާ ސަރަހައްދީ އަހުމިއްޔަތުތަކާއި އެއްބައިވަންތަކަމުގެ ތާރީހުން ބާރުދޭ، ދެ ގައުމުގެ ޒަމާންވީ ރަހުމަތްތެރިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވަނީ ލަންކާގެ ބޮޑުވަޒީރު ޑރ. އަމަރަސޫރިޔާ އަށް ވެސް ސިޓީއެއް ފޮނުއްވާފަ އެވެ. އެ ސިޓީގައި ރައީސް ވަނީ ދެ ގައުމުން ހިއްސާކުރާ ރަހުމަތްތެރިކަމާއި އެއްބައިވަންތަކަން ފާހަގަކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ހާއްސަކޮށް، ދެ ގައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތައްކަމުގައިވާ ވިޔަފާރި، ތަރައްގީ އަދި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުން ފަދަ ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިވަމުންދާނެ ކަމަށް ޔަގީންކަން އެރުއްވި އެވެ.
ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ ހަތަރުވަނަ ދުވަސް ލަންކާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، 1948 ވަނަ އަހަރު، އިނގިރޭސި އިސްތިއުމާރުން މިނިވަންކަން ލިބުން ފާހަގަކުރުމަށްޓަކަ އެވެ.