އެ ބޭންޑުގެ ފައިސާގެ މުއާމަލާތްތަކުގައި އޮޅުވައިލުމުގެ ތުހުމަތުތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައި، ވިޒިޓް މޯލްޑިވްސްގެ އެމްބެސެޑަރެއްގެ ގޮތުގައި ޓޫ އޮފް އަސް އާއެކު ހަދާފައިވާ އެއްބަސްވުން މަޑުޖައްސައިލީ މިދިޔަ މަހުގެ ތެރޭގައި

ރާއްޖޭގެ އުފެއްދުންތައް ދުނިޔެއަށް ޕްރޮމޯޓް ކުރުމަށް ވިޒިޓް މޯލްޑިވްސްގެ އެމްބެސެޑަރެއްގެ ގޮތުގައި މަޝްހޫރު މިއުޒިކް ބޭންޑް "ޓޫ އޮފް އަސް" ހަރަކާތްތެރިވުން މަޑުޖައްސައިލުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން އެ ބޭންޑަށް އަންގައިފި އެވެ.
ސަގާފީ އަދި ފަންނީ ދާއިރާއިން މުއްސަނދި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުކުރުމަށް ތައާރަފްކުރި ލޯކަލް އެމްބެސެޑާޝިޕް ޕްރޮގްރާމުގެ ދަށުން އެންމެ ފުރަތަމަ ދިވެހި އެމްބެސެޑަރަކަށް "ޓޫ އޮފް އަސް" ހަމަޖައްސާފައިވަނީ، މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ.
އެ ބޭންޑުގެ ފައިސާގެ މުއާމަލާތްތަކުގައި އޮޅުވައިލުމުގެ ތުހުމަތުތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައި، ވިޒިޓް މޯލްޑިވްސްގެ އެމްބެސެޑަރެއްގެ ގޮތުގައި ޓޫ އޮފް އަސް އާއެކު ހަދާފައިވާ އެއްބަސްވުން މަޑުޖައްސައިލީ މިދިޔަ މަހުގެ ތެރޭގައި ކަން އެނގިފައިވެ އެވެ.
އެއީ އެ ބޭންޑާ ގުޅިގެން ކުރެވޭ ތުހުމަތުތަކުގެ ނޭދެވޭ އަސަރު ވީއެމްސީއަށް ކުރާތީކަމަށް އެނގިފައިވެ އެވެ.
"ޓޫ އޮފް އަސް" ބޭންޑް މަޝްހޫރުވެފައި ވަނީ އިންޑިއާގެ ރިއަލިޓީ ޝޯ، "ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" ގައި ވާދަކޮށްގެންނެވެ. އެ ޝޯއިން އެ ބޭންޑު ވަނީ ތިންވަނަ ހޯދައިފަ އެވެ. އެ ޝޯގައި ލިބުނު ކާމިޔާބީއާއެކު ދިވެހިންގެ ލޯބި ވެސް ވަނީ ހޯދައިފަ އެވެ.
ނަމަވެސް، ފައިސާގެ ކަންކަމުގައި އޮޅުވައިލަމުންދާ ކަމަށް ބުނެ، ފަސް މެމްބަރުންގެ މައްޗަށް އެކުލެވުނު އެ ބޭންޑުގެ ތިން މެމްބަރުން ވަނީ އެ ބޭންޑުން ވަކިވެފަ އެވެ.