"މިއީ އިޖުތިމާއީ ރައްކާތެރިކަމަށް ކޮންމެހެން ބޭނުންތެރިކަމެއް. ޕެންޝަން ފަންޑުގައި ހުރި ފައިސާ އެއްވެސް ކަމަކަށް ނެގުމަކީ ވަރަށް ބޮޑު ގޯހެއް،" ނަޝީދު ވިދާޅުވި އެވެ.

އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ޕެންޝަން ފަންޑުގައި ހުރި ފައިސާ އެހެން އެއްވެސް ކަމަކަށް ބޭނުންކުރުމަކީ ވަރަށް ބޮޑު ގޯހެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މާލީ ހާލަތު ވަރަށް ގޯސްވެ، ހަރަދުތައް ދެކޮޅު ޖައްސަން އުނދަގޫވެފައިވާ ދަނޑިވަޅެއްގައި، ފިނޭންސް މިނިސްޓްރީގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑެއްގައި އިންވެސްޓުކުރަން ޕެންޝަން އޮފީހުން ވަނީ ނިންމައިފަ އެވެ.
ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕެންޝަން ފަންޑު އުފެއްދީ ވަކި ހާއްސަ ބޭނުމެއް ފުއްދަން ކަމަށާއި، އެއީ އެ ފައިސާ ރައްކާކޮށް، ދޮށީ އުމުރުގައި ޕެންޝަނެއްގެ ގޮތުގައި ދިނުން ކަމަށެވެ.
"މިއީ އިޖުތިމާއީ ރައްކާތެރިކަމަށް ކޮންމެހެން ބޭނުންތެރިކަމެއް. ޕެންޝަން ފަންޑުގައި ހުރި ފައިސާ އެއްވެސް ކަމަކަށް ނެގުމަކީ ވަރަށް ބޮޑު ގޯހެއް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ކޮންމެ މަހަކު ޕެންޝަންގެ ގޮތުގައި ދޭންޖެހޭ ފައިސާ ދިނުމަށްފަހު، ބާކީ އިންވެސްޓުކުރަންޖެހޭނީ، ފައިދާވާ ރަނގަޅު ކަންކަމުގައި ކަމަށާއި، ސަރުކާރުގެ ރިކަރަންޓު ހަރަދުތައް ހަމަޖައްސަން އެ ފައިސާ ބޭނުންކޮށްގެން ނުވާނެ އެވެ.
ރާއްޖޭގެ މާލިއްޔަތު ހަލާކު ނުކުރައްވާ. އަޅުގަނޑުމެން މި ދަނީ ކަނުބަނދެވި ތިބެ، އަނދަވަޅަކަށް ވެއްޓެން،" ނަޝީދު ވިދާޅުވި އެވެ.
މި މުއާމަލާތް ހިންގަން ޕެންޝަން އޮފީހުގެ ބޯޑުން މިދިޔަ އޮކްޓޫބަރު މަހުގެ ފަހުކޮޅު ނިންމި ނިންމުމާ ގުޅިގެން ބޯޑުގައި އިންނެވި އަހުމަދު ސަރުވަޝް އާދަމް އިސްތިއުފާ ދެއްވި އެވެ. އަދި އެ ބޯޑުގެ ޗެއާޕާސަން އަހުމަދު އިނާޒް ވަނީ މި މުއާމަލާތާ ގުޅިގެން މިހަފްތާތެރޭގައި އިސްތިއުފާ ދެއްވައިފަ އެވެ.
އެ ދެބޭފުޅުން ވެސް ވިދާޅުވެފައިވަނީ މިއީ ރާއްޖޭގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ މުއާމަލާތެއް ކަމަށެވެ.
ނަމަވެސް، ޕެންޝަން އޮފީހުން ވަނީ މި މުއާމަލާތް ދިފާއުކޮށްފަ އެވެ.
ޕެންޝަން އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގައި އިންވެސްޓްކުރަނީ މޯލްޑިވްސް ރިޓަޔަމެންޓް ޕެންޝަން ސްކީމުގެ ދުރު ރާސްތާ އިންވެސްޓްމެންޓް ސްޓްރެޖެޓީ ހެދުމުގައި އުޅޭ ކޮންސަލްޓެންޓުންގެ ލަފާއާ އެކު ކަމަށެވެ.
އެ ބޮންޑުގެ ސަބަބުން، ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި އިންވެސްޓްމަންޓެއްގެ ތެރެއިން ބޭރު ފައިސާގެ ރިޒާވެއް ޕެންޝަން ފަންޑުގައި އުފެއްދޭނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ޕެންޝަން އޮފީހުން ބުނީ، އެ މުއާމަލާތް ހިންގާފައިވަނީ ޕެންޝަން ގާނޫނާއި ގަވައިދާ އެއްގޮތަށް ކަމަށެވެ.