މި ދަތުރުފުޅުގައި ޖަރުމަނުގެ ރައީސް ސްޓައިންމަޔާގެ އިތުރުން އެގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ރައީސް ބައްދަލުކުރައްވައި، މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓާ ސްޓައިންމަޔާގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ ހަފްތާ އެގައުމަށް ވަޑައިގެންނެވުމަށް ނިންމަވައިފި އެވެ.
ރައީސް ޖަރުމަނަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މިމަހުގެ 9 އިން 13 އަށެވެ. މި ދަތުރުފުޅުގައި ޖަރުމަނުގެ ރައީސް ސްޓައިންމަޔާގެ އިތުރުން އެގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ރައީސް ބައްދަލުކުރައްވައި، މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުވުންތަކުގައި ރާއްޖެއާއި ޖަރުމަނުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، ދެ ގައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވުމަށް އެޅޭ ބާރަކަށް ރައީސްގެ މިދަތުރުފުޅު ވެގެންދާނެ ކަމަށެވެ.
ރައީސްގެ މިދަތުރުފުޅުގެ ބައެއްގެ ގޮތުގައި ހިމެނިގެން، ބާލިންގައި ހުންނަ ހަމްބޮލްޓް ޔުނިވާސިޓީއަށް ވަޑައިގެން "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ" ހިއްސާކުރައްވައި އެ ޔުނިވާސިޓީގައި އެމަނިކުފާނު ތަގުރީރު ކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
އޭގެ އިތުރުން ޖާމަން ކައުންސިލް ފޯ ފޮރިން ރިލޭޝަންސަށްވެސް ރައިސް ޒިޔާރަތް ކުރައްވައި ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ރާއްޖޭގެ ބައެއް ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ޖަރުމަނުގައި ބިޒްނަސް ފޯރަމެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބިޒްނަސް ފޯރަމުގައި ދެގައުމުގެ ވިޔަފާރިވެރިން ބައިވެރިވެވަޑައިގެން، ރާއްޖޭގައި ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުތަކުގެ ތަފްސީލު މައުލޫމާތު ދެއްވާނެ އެވެ.