ހައިކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ހުސްވެފައި ވަނީ އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި މުހައްމަދު ނިޔާޒު ރިޓަޔާކުރެއްވުމާއި ފަނޑިޔާރުކަމުގައި ހުންނެވި މުހައްމަދު ފައިސަލް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ހައި ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު އައްޔަނު ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމައިފި އެވެ.
ހައިކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ހުސްވެފައި ވަނީ އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި މުހައްމަދު ނިޔާޒު ރިޓަޔާކުރެއްވުމާއި ފަނޑިޔާރުކަމުގައި ހުންނެވި މުހައްމަދު ފައިސަލް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
އެހެންވެ، ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހުޅުވައިލުމުން 19 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
އޭގެތެރެއިން އެ ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ރައޫފަކީ 11 އަހަރު އެކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ 2022 ވަނަ އަހަރު މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ސަރުކާރުން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓުތަކަކާ ހަވާލުވި ކަމަށް ބުނާ މައްސަލައެއްގައި އޭނާ ވަކިކުރަން ޖޭއެސްސީއިން ނިންމާފައި ވަނިކޮށެވެ.
އޭނާ ވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ކެޔޮދޫ ދާއިރާގެ މެންބަރު ކަމަށްވެސް ވާދަކުރައްވާފަ އެވެ. ނަމަވެސް ކާމިޔާބުވެފައެއް ނުވެ އެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ދެން އައްޔަނު ކުރައްވާ ގާޒީ ޝަފީއު ކްރިމިނަލް ކޯޓަށް އައްޔަނު ކޮށްފައި ވަނީ 2021 ވަނަ އަހަރު އެވެ. އޭގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ މަގާމުވެސް އަދާކުރައްވާފައިވެ އެވެ.