އެސްޓީއޯއިން ބުނީ، އަސާސީ ކާބޯތަކެތީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ 23 ބާވަތް މި ރޯދަމަހުގެ ތެރޭގައި ހުސްނުވެ ބާޒާރުން ލިބޭނެކަން އެ ކުންފުނިން ކަށަވަރުކުރާނެ ކަމަށެވެ.

އަސާސީ ބާވަތުގެ ލިސްޓަށް އަލަށް އިތުރުކުރި ބާވަތްތައް، މި ފެށޭ ރޯދަމަހުގެ ތެރޭގައި ހުސްނުވެ ލިބޭނެކަމުގެ ޔަގީންކަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ދީފި އެވެ.
ސަރުކާރުން ވަނީ އަސާސީ ބާވަތުގެ އަދަދު 23 އަށް އިތުރުކޮށްފަ އެވެ. މި ލިސްޓުގައި ހިމެނެނީ ހަނޑޫ ހަކުރު ފުށުގެ އިތުރުން 10 ބާވަތުގެ ތަރުކާރީ އާއި 10 ބާވަތުގެ މޭވާ އަދި އިތުރު ކާނާގެ ތިން ބާވަތެކެވެ.
އެ ތަކެތި ރާއްޖެއަށް އެތެރެކޮށް، އަތޮޅު ތެރޭގައި ވެސް ހޯލްސޭލްކޮށް ވިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެސްޓީއޯ އާ އެވެ.
އެސްޓީއޯއިން ބުނީ، އަސާސީ ކާބޯތަކެތީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ 23 ބާވަތް މި ރޯދަމަހުގެ ތެރޭގައި ހުސްނުވެ ބާޒާރުން ލިބޭނެކަން އެ ކުންފުނިން ކަށަވަރުކުރާނެ ކަމަށެވެ. މިއީ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އެންމެ މުހިންމު އިސްކަމެއް ދީގެން މިހާރު ކުރިއަށްގެންދާ މަސައްކަތް ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެއިތުރުން، 3000 އިން މަތީގެ އާބާދީތަކަށް މިހާރު އެސްޓީއޯގެ އެޖެންޓުން މެދުވެރިކޮށް މިތަކެތި ލިބޭނެ އިންތިޒާމްތައް ރޯދަމަހަށް ހަމަޖެހިގެންދާނެ ކަމަށް ބުނެފައިވެ އެވެ.
އަދި ހުޅުމާލެ ފޭސް 1 ގައި އެސްޓީއޯގެ ފިހާރައެއް ހުޅުވުމުގެ މަސައްކަތްވެސް ކުރަމުން އަންނައިރު، ރޯދައިގެ ކުރިން އެ ފިހާރަ ހުޅުވޭނެކަމަށް އެ ކުންފުނިން ބުންޏެވެ.