ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބި ހުރި ހުރިހާ ރަށެއްގައި މަޝްރޫއުތައް ފަށާފަ އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނދަރު ހަދަން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، މިހާރު ބަނދަރު ނުހެދިއޮތީ ތިން ރަށުގައި ކަމަށް ދައްކައިފ އެވެ.
ހައުސިން މިނިސްޓްރީގެ ރަސްމީ މައުލޫމާތުތައް ދައްކާ މީހުން ދިރިއުޅޭ 187 ރަަށުގެ ތެރެއިން 184 ރަށެއްގައި ވަނީ ބަނދަރު ހަދާ ނިމިފަ އެވެ. އެހެންވެ ބާކީ ނުނިމި އޮތީ އެންމެ ތިން ރަށެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ 10 އަހަރު 2014 އިން 2024 ގެ ނިޔަލަށް ރާއްޖޭގެ އެކި ރަށްރަށުގައި ބަނދަރާ ގުޅުންހުރި ގާތްގަނޑަކަށް 180 އަށްވުރެ ގިނަ މަޝްރޫއު ވަނީ ނިންމާފައި ނުވަތަ މިހާރު ވެސް އެކި މަރުހަލާތަކުގައި ކުރިއަށް އެބަދެއެވެ. އަދި ގާތްގަނޑަކަށް 100-120 އަށްވުރެ ގިނަ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މި މުއްދަތުގައި ހިނގާފައިވެ އެވެ. އަދި މި މުއްދަތުގައި މި މަަސައްކަތްތަކަށް ގާތްގަނޑަކަށް 10 - 12 ބިލިއަން ރުފިޔާ ވަނީ ބަޖެޓުން ހޭދަކޮށްފަ އެވެ.
ބަނދަރު ހެދުން ނިމުމަކަށް އައިނަމަވެސް ތަފާތު ހިސާބުތައް ދައްކާ ގޮތުން ފެނާއި ނަރުދަމާ ނުނިމި ގިނަ ރަށްތަކެއް އެބައޮތެވެ. ގޮތުން މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން ނަރުދަމާގެ ހިދުމަތް ލިބެނީ 136 ރަށުގަ އެވެ. އަދި ފެނުގެ ހިދުމަތް ލިބެމުން ދަނީ 147 ރަށުގަ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން 2018 އިން 2023 ގެ ނިޔަލަށް ބަނދަރު ހެދުމުގެ 56 މަޝްރޫއުތަކެއް ނިމުނުއިރު، 2023 އިން 2025 ވަނަ އަހަރުގެ ނިޔަލަށް 49 މަޝްރޫއެއް އެވޯޑްކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ބަނދަރު ހެދުމުގެ 15 މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމާލާފަ އެވެ.
ތަފާސް ހިސާބުތަަށް ދައްކާ ގޮތުން ރާއްޖޭގައި ފެނާއި ނަރުދަމާ ނެތް ހުރިހާ ރަށެއްގައި އެ މަަސައްކަތް މި ސަރުކާރުން ވަނީ ފަށާފަ އެވެ. އެގޮތުން ރާއްޖޭގެ 28 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް އެކި މަރުހަލާތަކުގައި މިވަގުތު ކުރިއަށް އެބަ ގެންދެ އެވެ.