އިއްޔެ ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އައިސްފައިވާއިރު މިއީ މިދިޔަ ތިން އަހަރުގެ ފެބްރުއަރި މަހާ އަޅާ ކިޔާނަމަވެސް އެއް ދުވަހެއްގެ ތެރޭ އެންމެ ގިނައިން ޓޫރިސްޓުން އައި ދުވަހެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި އިއްޔެ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓްތައް މެދުވެރިކޮށް ރާއްޖެއަށް ޖުމްލަ 10,253 ޓޫރިސްޓުން އައިސްފަ އެވެ. މިއީ މިފަހުން ފެބްރުއަރި މަހު އެއް ދުވަހެއްގެ ތެތޭ އެންމެ ގިނައިން ޓޫރިސްޓުން އައި ދުވަހެވެ.
މި އަދަދަކީ މިދިޔަ ތިން އަހަރު 2023، 2024، އަދި 2025 ދުވަހަށް ބަލާއިރު ވެސް ފެބްރުއަރީ މަހުގެ ރެކޯޑެކެވެ. އާންމުގޮތެއްގައި ފެބްރުއަރީ މަހަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ "ޕީކް ސީޒަން" ކަމަށްވުމުން، މި މަހުގެ ތެރޭގައި ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަސް ވެގެން ގޮސްފައިވަނީ ޓޫރިސްޓުން އައި އަދަދު ދަަށްވި އަހަރަކަށެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިހާތަނަށް ޖުމްލަ 224,344 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 11.3% އިތުރު އަދަދެކެވެ
މިދިޔަ އަހަރު ރާއްޖެއަށް ޖުމްލަ 2.2 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މި އަހަރު ވެސް މި އަދަދަށް ޓޫރިސްޓުން އަންނާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ.