އަމިއްލަ ގޮތުން މޭ / ޖޫންގައި އޭލެވެލް ހެދޭ ގޮތަށް ހަމަޖައްސައިފި

ކޮވިޑް ދުވަސްވަރު ދިރާސީ އާ އަހަރަށް ގެނައި ބޮޑެތި ބަދަލުތަކާއެކު 2020 ވަނަ އަހަރުން ފެށިގެން އެ އިމްތިހާނު ހަދަނީ އޮންޓޯބަރު / ނޮވެމްބަރު ގައެވެ.

އިމްތިހާނެއް ހަދަނީ: އަމިއްލަ ގޮތުން މޭ / ޖޫންގައި އޭލެވެލް އިމްތިހާނު ހެދޭގޮތަށް ވަނީ ހަމަޖައްސާފައި

ރާއްޖޭގައި މިހާ އޭލެވެލް އިމްތިހާނު ހަދަން އޮންނަ ގޮތުން ދަރިވަރުންނަށް ދަތިތަކާ ކުރިމަތިވާތީ، އަމިއްލަ ގޮތުން އެދިގެން މޭ / ޖޫންގައި އިމްތިހާނު ހެދޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ރާއްޖޭގައި އޭލެވެލް އެޑެކްސެލްގެ މޭ / ޖޫން އިމްތިހާނު ދިނުން ހުއްޓާލާފައިވަނީ 2019 ވަނަ އަހަރު އެވެ. ކޮވިޑް ދުވަސްވަރު ދިރާސީ އާ އަހަރަށް ގެނައި ބޮޑެތި ބަދަލުތަކާއެކު 2020 ވަނަ އަހަރުން ފެށިގެން އެ އިމްތިހާނު ހަދަނީ އޮންޓޯބަރު / ނޮވެމްބަރު ގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މޭ / ޖޫންގެ އިމްތިހާނު ހުއްޓާލުމާއެކު ރާއްޖޭން ބޭރުން މި އިމްތިހާނު ހެދުމަށް، ދަތުރުފަތުރު ކުރުމަށާއި، ހުރުމުގެ ހަރަދަށް އެކަނިވެސް 30،000ރ. އަށްވުރެ ގިނަ ފައިސާ ހަރަދުވާކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.

މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ޕްރައިވެޓް ކެނޑިޑޭޓުންގެ ގޮތުގައި އޭލެވެލް އެޑެކްސެލްގެ މާއްދާތަކުގައި ބައިވެރިވާން ބޭނުންވާ ކެނޑިޑޭޓުންނަށް، މިއަހަރުން ފެށިގެން މޭ / ޖޫން ސީރީސްގެ އިމްތިހާނުތައް ރާއްޖޭގައި އަލުން ބާއްވާ ގޮތަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން މޭ / ޖޫން ސީރީސްއާ ގުޅޭ މައުލޫމާތު މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ޑިޕާޓްމެންޓް އިފް ޕަބްލިކް އެގްޒަމިނޭޝަނުން އާންމުކުރަމުން ގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އޭލެވެލް އިމްތިހާނު އޮކްޓޯބަރު/ނޮވެމްބަރަށް ސަބަބުން ދަރިވަރުންނަށް ދިމާވާ އެންމެ ބޮޑު އެއް ދަތިކަމަކީ، އިމްތިހާނުގެ ނަތީޖާ ދަށްވެއްޖެނަމަ، ރީސިޓް ހަދައިގެން ނަތީޖާ ރަނގަޅު ކުރުމަށް އެކަށީގެންވާ ވަގުތު ނުލިބުމެވެ. 

އެހެން ވުމުގެ ސަބަބުން އޭލެވެލްގެ ގަދަ 10 ހޮވައި، ސްކޮލަޝިޕް ކަނޑައަޅާއިރު ރިސިޓް ހަދާ ދަރިވަރުންނަށް އެފުރުސަތު ލިބެނީ އެއްއަހަރު ފަހުންނެވެ. އެހެންވެ މޭ / ޖޫންގައި އިމްތިހާނު ހަދާގޮތަށް ބަދަލުކޮށްދިނުމަށް އެދި ދަރިވަރުން ވަނީ ޕެޓިޝަނެއް ހުށަހަޅާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.