މި ހާދިސާގައި މަރުވެފައިވަނީ، ތިލަފުށި ވެމްކޯ ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާ އެވެ. އޭނާގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ލަންކާ މީހެއް ކަމަށްވާ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ 32، އެވެ.

ކ. ތިލަފުށީގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނު މައްސަލައިގައި ހައްޔަރު ކުރި ސްރީލަންކާ މީހާއަށް ގަސްދަކާ ނުލައި މީހަކު މެރުމުގެ ތުހުމަތު ކޮށްފި އެވެ.
މި ހާދިސާގައި މަރުވެފައިވަނީ، ތިލަފުށި ވެމްކޯ ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާ އެވެ. އޭނާގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ލަންކާ މީހެއް ކަމަށްވާ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ 32، އެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، މި ހާދިސާ ހިނގާފައިވަނީ، އަމީން މިއާ އޭގެ ދަތްގަނޑުން ޖެހި ވެއްޓުމަށްފަހު، އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތައް އެޅިގެންނެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އެކްސްކެވޭޓަރު ދުއްވަން އިން މީހާ އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ވަކީލާ ބައްދަލުވެފައި ނުވާތީ ދީފައި ވަނީ ހަތް ދުވަހުގެ މުއްދަތެކެވެ.
ކޯޓު އަމުރުގައި،، އޭނާ ދުއްވި އެކްސްކެވޭޓަރުން މީހަކު މަރުވެފައިވާ ކަމަށާއި، އަދި އޭތި އޮޕްރޭޓްކޮށްފައި ވަނީ ބަލަން ޖެހޭ މިންވަރަށް ނުބަލާ ކަމަށް ފުލުހުން ފާހަގަކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވެ އެވެ.
އަމީން މިއާ ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނީ އޭގެ ދެދުވަސް ފަހުންނެވެ.