"ކުރިއަށް މި އޮތް ލޯކަލް ކައުންސިލް އިންތިހާބާ [ރިފަރެންޑަމް އާ] މި ދޭތި އެއްވެގެން އަޅުގަނޑުމެންނަށް ބޭއްވޭނީ އެގޮތަށް ބަލާއިިރު އެންމެ ފަހުގެ ތާރީހަކަށް ވެސް 18 ފެބްރުއަރީގައި އަޅުގަނޑުމެންނަށް މިކަން ނިމިގެން އަންނަން ޖެހޭނެ،."

އަންނަ އޭޕްރީލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއްކޮށްލުމަށް އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގޭނީ، އެންމެ ލަސްވެގެން މި މަހުގެ 18 ވަނަ ދުވަހަށް އެކަމާ ގުޅޭ ބިލުގެ މަސައްކަތް ނިންމައިގެން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނެފި އެވެ.
ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން ވަނީ އިސްލާހެއް ހުށަހަޅައިފަ އެވެ.
ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ އެ އިސްލާހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރަމުން އަންނައިރު، އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ އެ ދެ އިންތިހާބު އެއްކޮށްލުމާ މެދު ހިޔާލު ހޯދަން ބާއްވާ ރިފަރެންޑަމްގެ ކުރިން ރައްޔިތުން ހޭލުންތެރިކުރަން، ރިފަރެންޑަމް ބޭއްވުމާ ބެހޭ ގާނޫނުން ލާޒިމުކުރާ 45 ދުވަހުގެ މުހުލަތެއް ދޭން ޖެހޭ ކަމަށެވެ.
"ކުރިއަށް މި އޮތް ލޯކަލް ކައުންސިލް އިންތިހާބާ [ރިފަރެންޑަމް އާ] މި ދޭތި އެއްވެގެން އަޅުގަނޑުމެންނަށް ބޭއްވޭނީ އެގޮތަށް ބަލާއިިރު އެންމެ ފަހުގެ ތާރީހަކަށް ވެސް 18 ފެބްރުއަރީގައި އަޅުގަނޑުމެންނަށް މިކަން ނިމިގެން އަންނަން ޖެހޭނެ، ހުރިހާ މަރުހަލާތަކެއް ނިމިގެން،" ޒާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ އެކު ރިފަރެންޑަމް ބާއްވަން އީސީން ތައްޔާރަށް އޮތަސް، އެކަމަށް އިތުރަށް ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ބޭނުންވާނެ އެވެ.
ނަމަވެސް، ރިފަރެންޑަމް ވަކިން އެހެން ތާރީހެއްގައި ބާއްވާ ނަމަ އެކަމަށް 60 މިލިއަން ރުފިޔާ އާއި 80 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ހަރަދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކަމަކު އެއްކޮށް ބާއްވާ ކަމަށް ވަންޏާ މިދަންނަވާ ހެން 20 މިލިއަން އިން އަޅުގަނޑުމެންނަށް ވާނެ،" ކަރުދާސް ޗާޕްކުރުމަށާއި އޮފިޝަލުން އިތުރަށް މަސައްކަތް ކުރަން ޖެހުން ނުވަތަ އިތުރަށް އޮފިޝަލުން ހޯދަން ޖެހޭނެކަން ފާހަގަކުރައްވައި ޒާހީދު ވިދާޅުވި އެވެ.
ޒާހިދު ވިދާޅުވި ގޮތުގައި ދެ އިންތިހާބު އެއްކޮށްލުމަކީ ރާއްޖޭގެ ޑިމޮކްރެޓިކް ވެއްޓަށް ބޮޑު ބަދަލެއް އަންނާނެ ކަމަކަށް ވާތީ ރައްޔިތުންނަށް އެކަމާ ބެހޭ މައުލޫމާތު ފޯރުކޮށްދޭނެ ފުރުސަތު އޮންނަން ޖެހޭނެ އެވެ.
މިހާރު އެކަމަށް އޮތް މުއްދަތަކީ، އެންމެ އެކަށީގެންވާ މުއްދަތެއްތޯ ސާފުކުރަން، ގަލޮޅުދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމް ތަކުރާރުކޮށް ސުވާލު ކުރެއްވުމުން ވެސް ޒާހިދު އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ.
އޭނާ ވިދާޅުވީ، ގާނޫނުން އީސީގެ މައްޗަށް ލާޒިމްކުރާ ކޮންމެ ކަމެއް އެ ކޮމިޝަނުން ކުރާނެ ކަމަށާއި، ގާނޫނުގައި ކަނޑައަޅާފައިވާ ވަކި ކަމަކާމެދު އަމިއްލަ ރައުޔެއް ނުދެއްވާނެ ކަމަށެވެ.
އެ ޖަވާބާ މެދު މީކާއީލް ހިތްހަމަނުޖެހި، ކޮމިޓީގެ ބައްދަލުވުން ކޮންމެވެސް ވަރަކަށް ހޫނުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި އެ ބިލަށް ބަންޑާރަ ނައިބުގެ ލަފާ ވެސް ވަނީ ހޯދައިފަ އެވެ. މިގޮތުން، ގާނޫނުގައި ހިމަނައިގެން މިކަން ކުރުމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވި އެވެ.
މި ބިލަށް ވަކިވަކި ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދަން ވެސް ކޮމިޓީން ވަނީ ނިންމައިފަ އެވެ.
ފަލާހު އެ ބިލު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ މަޖިލީހުގެ މެންބަރު ކަމަށް މީހުން ހޮވުމަށާއި ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް ބާއްވާ އިންތިހާބު ބާއްވަން ވާނީ ދެ އިންތިހާބު އެކީގައި ކަމަށް ކަނޑައެޅުން ކަމަށެވެ. އަދި މަޖިލީހުގެ ދައުރު ގުނުމުގެ އުސޫލު އިސްލާހު ކުރުމަށް ކަމަށެވެ.
އެ ބިލުގައި ވަނީ، މަޖިލީސް އިންތިހާބު ބާއްވަންވާނީ ކޮންމެ ފަސް އަހަރަކުން ރައީސަކު ހޮވަން ބާއްވާ ރިޔާސީ އިންތިހާބާ އެކުގައި ކަމަށެވެ. އަދި މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ވެސް އެ ބިލުގައިވެ އެވެ.
މި އިސްލާހު ފާސްވެ، އަމަލު ކުރަން ފެށުމުން 2028 ގެ ރިޔާސީ އިންތިހާބާއި 2029 ގެ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ އެކީގަ އެވެ. އަދި މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ދައުރު ޑިސެމްބަރު 1، 2028 އަށް ހަމަވާނެ އެވެ.
މިހާރުގެ މަޖިލީސް ދައުރު ފެށުނީ މެއި 28، 2024 ގައެވެ. ގާނޫނު އަސާސީ މިހާރު އޮތް ގޮތުން ފަސް އަހަރުގެ ދައުރު ހަމަވާނީ މެއި، 2029 ގައެވެ. ނަމަވެސް މި އިސްލާހަށް އަމަލުކުރަން ފެށުމާއެކު ފަސް މަހެއްހާ ދުވަސް މި ދައުރުން އުނިވެގެން ދާނެ އެވެ.