ރައީސް ނުސީދާކޮށް އިޝާރާތްކުރެއްވީ، ޗާގޯސް މޮރިޝަސްގެ ދަށަށް ދިޔުމާއެކު، އެތަނުގެ ކަނޑުގެ ސަރަހައްދުތައް ލޭނު މަސްވެރިކަން ފަދަ ސިނާއަތްތަކަށް ހުޅުވާލާނެ ކަމަށް ބުނެ ފާޅުކުރަމުންދާ ކަންބޮޑުވުމަށެވެ.

ޗާގޯސް ޖަޒީރާ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްގެ ބަދަލުގައި ރާއްޖެއަށް ދީފިނަމަ، އެތަނުގެ ޑިއޭގޯ ގާސިއާގައި އެމެރިކާއިން ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒު ބާއްވައި، ހިމާޔަތް ކުރުމުގައި އެމެރިކާއަށް މިހާރު އޮތް ކަންބޮޑުވުންތަކަށް ހައްލު ލިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުން ޗާގޯސްގެ ރަށްތައް މޮރިޝަސް އާ ވަކިކޮށް، ގާއިމުކުރި އަސްކަރީ މަރުކަޒު އެމެރިކާއަށް ކުއްޔަށް ދޭން ނިންމީ 1965 ވަނަ އަހަރެވެ.
ޗާގޯސްގެ ޖަޒީރާ ރަށްތައް އަނބުރާ މޮރިޝަސް އާ ހަވާލުކުރަން އިނގިރޭސިވިލާތުން މިހާރު ވަނީ ނިންމައިފަ އެވެ.
މި އެއްބަސްވުމުގެ ސީދާ ތަފްސީލެއް ރަސްމީކޮށް އަދި ހާމަކޮށްފައިނުވިޔަސް، މޮރިޝަސްއަށް ޗާގޯސް ރަށްތައް އަނބުރާ ދިނަސް، އެ ޖަޒީރާގެ އެންމެ ބޮޑު ރަށްކަމަށްވާ ޑިއޭގޯ ގާސިއާ ނޫނީ ފޯޅަވަހީގައި ހިންގާ އެމެރިކާގެ އަސްކަރީ މަރުކަޒު އެ ރަށުގައި ބާއްވަން ވަނީ ހިމަނައިފަ އެވެ.
ނަމަވެސް އެތަނުގެ މިލްކުވެރިކަން ބަދަލުވާއިރު، ޑިއޭގޯ ގާސިއާ ހިމާޔަތްކުރުމާ ގުޅުވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.
އެއާއެކު އެތަން މޮރިޝަސް އާ ހަވާލުކުރުމާ ދެކޮޅަށް ވެސް ޓްރަމްޕް ވަނީ ވާހަކަ ދައްކަވައިފަ އެވެ.
އެކަމާ ގުޅުވައި، ނިއުސްވީކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ޑިއޭގޯ ގާސިއާއަށް އެންމެ ބޮޑު ރައްކާތެރިކަމެއް ލިބެނީ، އެ ތަނުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރެވިފައި އޮތުމުން ކަމަށެވެ.
މިގޮތުން، ރާއްޖެއަކީ، މުޅި ދުނިޔޭގައި ވެސް ކަނޑުގެ ބޮޑު ސަރަހައްދެއް ހިމާޔަތްކޮށްގެން ދިރިއުޅުމާއި އިގްތިސާދު ބިނާކޮށްގެން ރައްޔިތުންތަކެއް އުޅޭ ގައުމެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ނުސީދާކޮށް އިޝާރާތްކުރެއްވީ، ޗާގޯސް މޮރިޝަސްގެ ދަށަށް ދިޔުމާއެކު، އެތަނުގެ ކަނޑުގެ ސަރަހައްދުތައް ލޭނު މަސްވެރިކަން ފަދަ ސިނާއަތްތަކަށް ހުޅުވާލާނެ ކަމަށް ބުނެ ފާޅުކުރަމުންދާ ކަންބޮޑުވުމަށެވެ.
އަދި ރާއްޖެއަށް ޗާގޯސް ދީފިނަމަ، ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒު ބާއްވައި، ހިމާޔަތްކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އެކަމަށް ގާނޫނީ ބާރުވެރިކަން ހޯދައި ދެއްވާނެކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ދެއްވި އެވެ.
ޗާގޯސް ޖަޒީރާ ރަށްތަކުގެ މައްޗަށް، ތާރީހުން ބެލިނަމަވެސް، އެންމެ ބޮޑު ހައްގެއް ލިބޭ ގައުމަކީ ރާއްޖެކަން ރައީސް އަނެއްކާވެސް ވަނީ ތަކުރާރުކުރައްވައިފަ އެވެ.
ޗާގޯސްގައި ދިވެހި ބަހުން ލިޔެފައިވާ މަހާނަގާ ފެނިފައިވާއިރު، އެތަނުގައި އޭރުގެ ވަޒަންވެރިން ރާއްޖެއާ އެކު އޮތް ގުޅުންތައް ތާރީހުގައި ލިޔެވިފައި އެބަހުއްޓެވެ.
ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަން އޮތީ މޮރިޝަސްއަށް ކަމަށް ގަބޫލުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީގެ މައްސަލަ އޮތީ ބޮޑުވެފަ އެވެ. އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ އީއީޒެޑުން 44،000 އަކަކިލޯމީޓަރުގެ ބޮޑު ސަރަހައްދެއް ގެއްލިފައިވާ ކަަމަށް އޭރުގެ އިދިކޮޅު ޕާޓީތަކާއި ކުރީގެ ބައެއް ބަންޑާރަ ނާއިބުން ގެންދެވީ ވިދާޅުވަމުންނެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނާ ބޭފުޅުންގެ ނަަޒަރުގައި އެ ނިންމުން އައުމުގައި ރައީސްގެ ސިޓީގެ ދައުރު ވަރަށް މުހިންމެވެ.