މި ދުންގަނޑުން | ރާއްޖޭގެ އިގްތިސޯދަށް ގެއްލުން ވެދާނެ

ދުމުގެ އަސަރު އެންމެ ބޮޑުވަނީ ޑިސެމްބަރުން އެޕްރީލް މަހާ ދެމެދު އެވެ. މިއީ އެންމެ ގިނައިން ޓޫރިސްޓުން އަންނަ ދުވަސްވަރެވެ. ޓޫރިސްޓުން އެންމެ ދެކިލާ ހިތްވަނީ ރާއްޖޭގެ ރީތި ނޫއުޑާއި ސާފު ކަމެވެ. މި ދުވަސްވަރު އެކަމެއް ނެެތެވެ.

ވީއައިއޭ މަތިން ކުރިން ފެންނަ ގޮތް އަދި މިހާރު ބޯޓު ޖައްސަންދާއިރު ފެންނަ މަންޒަރު

މަތިންދާ ބޯޓު ތިރިކުރަމުން އަންނައިރު ރާއްޖޭގެ މަތިން ފެންނަ ރީތިކަމަކީ ރާއްޖެ އަންނަ މެހުމާނުން ފުރަތަމަ ދެކިލަން ބޭނުންވާ ރީތި މަންޒަރެވެ. ރާއްޖޭގެ "ފަސްޓް އިމްޕްރެޝަން" އެވެ. ރާއްޖެއަށް ބޯޓު ޖައްސަން އަންނައިރު ފެންނަ ނޫކުލައިގެ ޖައްވާއި ހުދު ވިލާތައް އަދި ނޫކަނޑު އެއްކޮށް ފެންނަ "މޯލްޑިވްސް ބާޑްވިއުސް" ދުނިޔޭގައި މަޝްހޫރުވެފައި ވަނީ އެހެންވެ އެވެ. ނަމަވެސް މި ދުވަސްވަރު ރާއްޖެއަށް ބޯޓެއް ޖައްސަން އަންނައިރު ފެންނަނީ ހިރަފުސްގަޑެވެ. ބޯދުންގަނޑެކެވެ. ރާއްޖެއެކޭ އެންމެ ހިރަފުސްބޯ، ކިލާގެ ބޯވިލާތަށް އޮންނަ އިންޑިއާގެ ވެރިރަށް ދިއްލީއެކޭ މި ދުވަސްވަރު ތަފާތެއް ނެތެވެ. 

މި މައްސަލައަކީ ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު އާދަކޮށް ކުރިމަތިވާ ކަމެވެ. މި މައްސަލަ އެންމެ ބޮޑުވަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުން ފެށިފެން ޑިސެމްބަރު އަދި އެޕްރީލްގެ ނިޔަލަށެވެ. މިކަން ކޮންމެ އަހަރަކު ތަކުރާރުވި ނަމަވެސް މި ދުންގަނޑުގެ މައްސަލަ ބޮޑެވެ. މި އަހަރު ދުރު ފެންނަ މިންވަރު އެހެން އަހަރުތަކަށްވުރެ ދަށެވެ. ވޭތުވެދިޔަ މަހެއްހާ ދުވަހު މާލެ ސަރަޙައްދުގެ AQI އިންޑެކްސް ހުރީ 63 އާއި 172 އާ ދެމެދުގަ އެވެ. މި އަދަދު 151 އަށްވުރެ މަތިވުމަކީ އާންމު ސިއްހަތަށް ނުރައްކާތެރި "ރެޑް އެލާޓް" އެކެވެ. މި ހާލަތު ކުރިމަތިވި ގިނަ ދުވަސްތަކެއް މިވަނީ ތަޖުރިބާކޮށްފަ އެ އެވެ. މިކަން މިހާރުވެފައި މިވަނީ އާއްމު ސިއްހަތަށް އޮތް ބޮޑު ގެއްލުމެއްގެ އިތުރުން ރާއްޖޭގެ މައި އިގްތިސޯދަށް ގެއްލުންވެ، ދިވެހިންގެ އާމްދަނީ އަށް ކުރިމަގުގައި އަސަރުކޮށްފާނެ ނުރައްކަލަކަށެވެ. 

"އެހެން އަހަރުތަކުގައި ރީތި ސާފު ޖައްވު ފެންނަ ކޮންމެ ވެސް ދުވަހެއް ތަކެއް އާދެ. އެކަމަކު މި އަހަރު އެއްގޮތަކަށް ވެސް ނުފެނޭ. ވަރަށް ދުން ބޯކޮށް ފެންނަނީ. މި ވާހަކަ ޓޫރިސްޓުން ވެސް ދައްކާ،" ޓޫރިސްޓުން ގޮވައިގެން ކޮންމެ ދުވަހަކު ޕެރަސެއިލިން ހަދަންދާ ރާއްޖޭގެ އެންމެ މަޝްހޫރު މޫދު ކުޅިވަރު ހިދުމަތްދޭ އެއް ކުންފުނީގެ އިސްވެރިއަކު ނަން ނުޖެހުމަށް އެދި ބުންޏެވެ. 

ރާއްޖެއަށް ޓޫރިސްޓުން އަންނަނީ ރާއްޖޭގެ މާހައުލުން އުފާ ހޯދާށެވެ. ރާއްޖޭގެ ބީޗުތަކުގައި އޮށޯވެލައިގެން އޮންނައިރު ފެންނަ ނޫކުލައިގެ އުޑު މައްޗާއި ސާފު ޖައްވުން ހިތްހަމަ ޖެހުން ހޯދާށެވެ. ރާއްޖެ އަންނަ ޓޫރިސްޓުން ސީޕްލޭން ދަތުރު ނަގާ މައިގަނޑު ސަބަބަކީ ވެސް އެ އެކްސްޕީރިއަންސް ކޮށްލުމެވެ. ރާއްޖެމަތިން ފޮޓޯއެއް ނެގުމެވެ. ރާއްޖޭގެ ކުދި ޖަޒީރާ ރަށްތައް މަތިން ބަލައިލުމެވެ. ނަމަވެސް ހިމާލަޔާ ފަރުބަދަމަތިން އަންނަ ހިރުފުސް ގަނޑާއި އިންޑިއާގެ ފެކްޓަރީތަކުން އަރާ ދުން އަދި އެ ގައުމުގެ އެތެރެއިން ނުކުންނަ ނުސާފުކަމުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އުފެދޭ "އެޓްމޮސްފެރިކް ބްރައުން ކްލައުޑް" ގެ ނުރައްކާ މިވަނީ ރާއްޖޭގެ އިގްތިސޯދަށް މިހާރު ބޮޑުވެފަ އެވެ. 

ނޫކުލައިގެ އުޑު ކޮބާ ؟

ވީއައިއޭއަށް ބޯޓު ޖައްސަން އަންނައިރު ފެންނަ މަންޒަރު

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ދުވަސްވަރު މި މައްސަލައާ ކުރިމަތިވާއިރު މިއީ މިހާރު ނުދައްކާ ތިބެވޭ ވަރަށްވުރެ ބޮޑު މައްސަލައަކަށް ދަނީ ވަމުންނެވެ. މިހާރު ރާއްޖޭގެ ރީތި "ބްލޫ ސްކައި" އެއް ނުފެނެ އެވެ. މި މައްސަލައިގެ ކޮންމެވެސް ހައްލެއް ހޯދަން މަސައްކަތް ކުރަން މިވަނީ އިސް ނަގަން ޖެހިފަ އެވެ. މި މައްސަލައިގައި ނުރައްކާ އޮތް މިންވަރު އަންގުވައިދޭ އެއް ކަމަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރު ކުރުމުގައި ސަލާމަތީ ފިޔަވަޅު އަޅަން އެމްއޭސީއެލް އިން އެއާލައިންތަކަށް އެނގުމެވެ. މިއީ މިފަހުގެ ތާރީހުގައިވެސް ރާއްޖެއަށް އަޅަން ޖެހުނު ފިޔަވަޅެއް ނޫނެވެ. 

އެމްއޭސީއެލް އިން ވަނީ އާދައިގެ ހާލަތްތަކުގައި ޕައިލެޓަށް ލޮލަށް ފެންނަ މަންޒަރުތަކަށް ބަލައިގެން ދަތުރުކުރާ "ވީއެފްއާރް" ނިޒމު ވަގުތީގޮތުން ސަސްޕެންޑްކޮށްފަ އެވެ. މިއާއެކު ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން "އެސްވީއެފްއާރް" ނިޒާމު ބޭނުން ކުރަން ވަނީ ފަށާފަ އެވެ. މިހާލަށް ދުން ބޯވުމުގެ މައްސަލަ ގޯސްވެގެން ދިއުމަކީ ޓޫރިޒަމް މިނސްޓަރު "އެކްޓިވް" ވާޖެހޭ ވަތުތެކެވެ.

ޓޫރިޒަމް މިނިސްޓަރީ އާއި އެންވަޔަރުމަންޓް މިނިސްޓްރީ އެއްކޮށްލި ހަގީގީ ސަބަބަކީ ޓޫރިޒަމަށް ގެއްލުންވާ ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކުގައި އަވަހާ ހަރަކާތްތެރިވުމެވެ. އެހެންވެ މިއީ ޓޫރިޒަމް / ތިމާވެށީގެ މިނިސްޓަރު ތޯރިގު އިބްރާހިމް ނެގިމަޑުވެފައި ނުހުންނަވައި މިކަމުގައި ކުރެވެން ހުރި ކަންކަމާމެދު "ހޯލް އޮފް ގަވަރުމަންޓް " އެޕްރޯޗެއްގައި މަސައްކަތް ކުރަން އިސް ނަންގަވަން ޖެހޭ ވަގުތެވެ. މި މައްސަލަ މި އަހަރު މިދިޔަ އަހަރަށްވުރެ ގޯސްވެފައިވާއިރު، މިހާރު ފެންނަ މަންޒަރުން އަންނަ އަހަރު މި މައްސަލަ އިތުރަށް ގޯސްވުމުގެ ބިރު އެބައޮތެވެ. 

ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އާއިލާއެއްގައި ހިމެނޭ ކުއްޖެއް ވީއައިއޭގައި -- އެމްއޭސީއެލް

މި ދުންގަނޑުގެ ސަބަބުން ދިވެހިންނަށް މިހާރު ކުރިމަތިވަމުންދާ މައްސަލަތަކަކީ ރާއްޖޭގެ ސަބަބުން ކުރިމަތިވާ މައްސަލައެއް ނޫނެވެ. މި މައްސަލައަކީ ދިވެހިންގެއެއްވެސް ބައިވެރިވުމެއް ނެތި އަހަރެމެންނަށް ލިބޭ ބޮޑު އަނިޔާ އެކެވެ. މި މައްސަލަ ރާއްޖެ އަށް ކުރިމަތިވެފައިވާއިރު، މިކަމުގެ އަސްލު އުފެދޭ އިންޑިއާ އަށް ވެސް މި މައްސަލަ ވަނީ އިގްތިސޯދީ ބޮޑު ކާރިސާއެއްގެ ސިފައިގައި ބޮޑުވަމުންނެވެ.  

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާއިން އިންޑިއާގެ މުދަލަށް ބޮޑުކުރި ޓެރިފުގެ ސަބަބުން އެ ގައުމުގެ އިގްތިސޯދަށް ލިބޭ ގެއްލުމަށްވުރެ ޖައްވު ނުސާފުވުމުގެ ސަބަބުން އެ ގައުމުގެ އިގްތިސޯދަށް ލިބޭ ގެއްލުން އިންތިހާއަށް މިހާރު ބޮޑެވެ. މި މައްސަލާގައި ވެރިރަށް ދިއްލީ ފަދަ ސިޓީތަކުގެ މަލްޓިމިލިއަން ޑޮލަރުގެ ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ތިބި މީހުން ދަނީ ވަޒީފާ ދޫކޮށް ގައުމުން ފައިބަމުންނެވެ. އެ ގައުމުގައި ހައިއެންޑް ޕްރިޕަޓީތައް ދޫކޮށް އިންވެސްޓަރުންގެ ހިނގައިދާނެކަމުގެ ބިރު ވަނީ އުފެދިފަ އެވެ. 

ވޯލްޑް ބޭންކުން އަންދާޒާ ކުރާ ގޮތުގައި ދެކުނު އޭޝިއާ ސަރަޙައްދުގައި ވައި ނުސާފުވުމުގެ ސަބަބުން ލިބޭ އިގްތިސާދީ ގެއްލުން މި ސަރަޙައްދުގެ ގައުމީ އުފެއްދުންތެރިކަމުގެ 10 ޕަސެންޓާ ގާތްކުރެއެވެ. މިއީ ބޮޑު އަދަދެކެވެ. 

މި މައްސަލަ އިންޑިއާގައި އޮތްވަރަށް ނޫންނަމަވެސް ރާއްޖެއަށް ވެސް މި ގެއްލުން ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ. ސަބަބަކީ ވައި ނުސާފުވުމުގެ ސަބަބުން ނޭވާލާ ނިޒާމުގެ ބަލިތަކާއި، ހިތުގެ ބަލިތައް އިތުރުވުމުގެ ފުރުސަތު ބޮވުމެވެ. މިހާރު ވެސް ރާއްޖެއަކީ މި ސަރަހައްދުގެ ފެންވަރުގައި ވެސް އެ ގައިންގަޔަށް ނާރާ ބަލިތަށް އެންމެ ގިނަ ގައުމެވެ. މިއި ކުރިމަގުގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން އިންތިހާއަށް ދައްވެދާނެ މައްސަލައެކެވެ. މިކަމުގެ އަސަރު ރާއްޖޭގެ ފިސްކަލް ހާލަތަށް ކުރާނެ އެވެ. 

ވައި ނުސާފުވުމުން އިގްތިސޯދަށް ކުރިމަތިވާނެ މައްސަލަތައް

ބޭސްވަރުފާއަށް ދައުލަތުން ކުރާ ހަރަދު މަތިވުން - ހޮސްޕިޓަލްތަކަށް ދައްކާ މީހުންނާއި އެޑްމިޓްކުރާ މީހުން އިތުރުވުމުން، ދައުލަތުން ސިއްހީ ދާއިރާއަށް ކުރާ ޚަރަދު އިންތިހާއަށް ބޮޑުވެގެންދެއެވެ. ދާއިމީ ބަލިތަކަށް ބޭނުންކުރާ ބޭސް އެތެރެކުރުމަށް ރާއްޖެއިން ބޭރަށް ދާ ބޭރު ފައިސާގެ މިންވަރު އިތުރުވެ އެވެ. 

މަސައްކަތުގެ އުފެއްދުންތެރިކަން ދަށްވުން - ވައި ނުސާފުވުމަކީ މަސައްކަތްތެރިންގެ ސިއްހަތަށް އަސަރުކުރާ ކަމަކަށްވާތީ، މީގެ ސަބަބުން އިޤްތިސާދީ ދުވެލި މަޑުޖެހެއެވެ.މުވައްޒަފުން ބަލިވެގެން މަސައްކަތަށް ނުކުމެވޭ ދުވަސްތައް ގިނަވުމުން ކުންފުނިތަކުގެ އުފެއްދުންތެރިކަން ދަށްވެ އެވެ.

ޓޫރިޒަމަށް ކުރާ ނޭދެވޭ އަސަރު - ރާއްޖޭގެ އިޤްތިސާދުގެ މައިބަދައަކީ "ސާފުވައި" އަދި "ނޫ އުޑު" ކަމަށްވާއިރު، ދުމުގެ ފުސްކަން ގިނަދުވަހަށް ދެމިގެންދިއުމަކީ ނުރައްކަލެކެވެ. ރާއްޖެއަކީ ދުނިޔޭގެ އެންމެ ސާފު ތިމާވެށި އޮންނަ އެއް ޤައުމުގެ ގޮތުގައި އޮންނަ އިމޭޖަށް މީގެ ސަބަބުން ބުރޫއަރަ އެވެ. ޓޫރިސްޓުން ރާއްޖެ އަންނަނީ ސާފު ވައި ލިބޭނެ ކަމުގެ އުންމީދުގަ އެވެ. ދުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވުމަކީ ފްލައިޓްތަކާއި ކަނޑު ދަތުރުފަތުރަށް އެޅޭ ހުރަހެކެވެ. މީގެ ސަބަބުން ދަތުރުތައް ކެންސަލްވެ، ފަތުރުވެރިކަމުގެ ދާއިރާ އަށް މާލީ ގެއްލުން ލިބުމުގެ ފުރުސަތު އެބައޮތެވެ. 

ދުމުގެ ސަބަބުން ދިވެހިންނަށް ކުރިމަތިވީ މައްސަލައަކީ އަހަރެމެންގެ އަމަލަކުން ކުރިމަތިވާ މައްސަލައެއް ނޫނެވެ. އެކަމަކު މިކަމުގައި ދިވެހިންނަށްވެސް ކުރެވޭނެ ކަންތައްތަކެއް ހުންނާނެ އެވެ. މި މައްސަލަ ހައްލުކުރަން ސަރަހައްދީ ފެންވަރުގައި މަސައްކަތް ކުރަން ރާއްޖެއަށް އިސް ނެގިދާނެ އެވެ. ހުރިހާ ގައުމުތަކެއް ގުޅިގެން ނޫނީ މި މައްސަލަ ހައްލެއް ނުވާނެ އެވެ. މިކަން ހައްލުވާން ޖެހެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.