ޒާހިރު ހުސެއިނަކީ، 49 އަހަރާއި 9 މަސް ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 33 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ.

އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު ކަމުގެ މަގާމުން، ޑރ. މުހައްމަދު ޒާހިރު ހުސެއިން އިސްތިއުފާ ދެއްވައިފި އެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޒާހިރު ހުސެއިން އިސްތިއުފާ ހުށަހެޅުއްވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޒާހިރު ހުސެއިނާ ބައްދަލުކުރައްވައި، އެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިއެރުމަށާއި ތަރައްގީއަށް ވަރަށް އިހުލާސްތެރިކަމާއެކުގައި ޑރ. ޒާހިރު ހުސެއިން ކޮށްދެއްވި މިންނަތް މަސައްކަތްޕުޅުތައް ފާހަގަކުރައްވާފަ އެވެ.
އަދި ސަރުކާރުން އޭރު ފެއްޓި އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިންގަވައިދެއްވުމުގައްޔާއި، ރާއްޖޭގެ އަތޮޅުތަކުގައި ކޮމިއުނިޓީ ސްކޫލުތަކާއި، އަތޮޅު މަދަރުސާތައް ބިނާކުރައްވައި، ތަޢުލީމީ ރޮނގުން ރަށްރަށުގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ކުރެއްވި ހީވާގި މަސައްކަތްޕުޅުތަކަކީވެސް، ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
ޒާހިރު ޙުސައިން ދައުލަތަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޚާއްޞަ ސިޓީފުޅެއް މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނަށް ރައީސަށް އެރުވި އެވެ.
މި ސިޓީފުޅުގައި، އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުގައްޔާއި އަދި އޭގެކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ މަތީ ތަޢުލީމު ފުޅާ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވައިލައްވައިފައި ވެއެވެ.
އަދި މިނިސްޓަރ އޮފް އެޑިޔުކޭޝަންކަމުގެ މަގާމުގައި 10 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހުންނަވައިގެން، ރާއްޖޭގެ ތަޢުލީމީ ދާއިރާ ހަރުދަނާ ކުރެއްވުމުގައްޔާއި، ޒަމާނާ އެކަށޭނަ އަދި ދިވެހިވަންތަ ނިޒާމަކަށް ކިޔަވައިދެވޭނެ ގޮތަކަށް މުޤައްރަރުތައް އެކުލަވައިލެއްވުމުގައްޔާއި، އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިންގެވުމުގައްޔާއި، ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު ފުޅާ ކުރެއްވުމުގައި އެމަނިކުފާނު އަދާކުރެއްވި ދައުރު މި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައިފައި ވެ އެވެ.
ޒާހިރު ހުސެއިނަކީ، 49 އަހަރާއި 9 މަސް ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 33 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ.
ޒާހިރު ހުސެއިނަށް ދައުލަތުން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވައިފައިވަނީ 10 ނޮވެންބަރު 2008 ގައެވެ. އަދި ރާއްޖޭގެ ތަޢުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު އަރުވައިފައިވަނީ 2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު އެވެ.