2.4 ބިލިއަންގެ ބޮންޑުގެ މައްސަލައިގައި އިނާޒް ވެސް އިސްތިއުފާ ދެއްވައިފި

އިނާޒް ވިދާޅުވީ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލާގައި ގިނަ މަޝްވަރާތަކެއް ކުރެވުނު ނަމަވެސް ދެމެހެއްޓެނިވި ހައްލެއް ހޯދިފައިނުވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އަހުމަދު އިނާޒު: ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުން ވަނީ އިސްތިއުފާ ދެއްވާފައި --

ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑަށް، މަރުކަޒީ ބޭންކު، އެމްއެމްއޭ މެދުވެރިކޮށް ފައިސާ ހޯދަން އުޅޭ މައްސަލައަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ވިދާޅުވެ، ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުން އަހުމަދު އިނާޒު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އެމްއެއެމްއިން ޕެންޝަން އޮފީހަށް ފައިސާ ދިނުމުން، އެ އޮފީހުން ފައިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކޮށްގެން ފައިސާ ޗާޕުކުރަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

އިނާޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަކަށް ދަށަށް ދަމުންދާ ކަމަށެވެ. އަދި 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލާގައި ގިނަ މަޝްވަރާތަކެއް ކުރެވުނު ނަމަވެސް ދެމެހެއްޓެނިވި ހައްލެއް ހޯދިފައިނުވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސޯދަށް މިހާލަތުގައި ގެއްލުން ބޮޑު ނިންމުމެއްކަމަށް ޓެކްނިކަލީ ގަބޫލްކުރެވޭތީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު ގެ ޗެއާޕާސަން ކަމުން މިއަދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފިން،" އިނާޒު ލިޔުއްވާފައިވެ އެވެ،

އޭނާ ވިދާޅުވީ ދުއާއަކީ ދައުލަތުގެ މާލީކަންކަން މިއަދަށްވުރެ ހަރުދަނާވެ، ދުރު ވިސްނުމުގެ ސިޔާސަތުތަކަކުން އިސްލާހުވުމަށާއި ދަރަނީގެ އަނދަވަޅުން ރާއްޖޭގެ އިގްތިސާދު އަރައިގަތުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ އޮކްޓޯބަރު މަހު ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އާދަމް ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެއީ ގާނޫނީ ގޮތުންނާއި އަދި އިގްތިސާދީ ގޮތުން ވެސް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.