ފިނޭންސް މިނިސްޓަރު ޒަމީރު ވަނީ ބޭންކްއަށް ގެއްލުން ނުވާނެ ގޮތަށް ގާނޫނުތައް ބަދަލުކޮށްގެން ބީއެމްއެލް ފުޅާ ކުރަން ވިސްނުމަށް އެދިވަޑައިގެންފަ އެވެ.

ދިވެހި ރައްޔިތުންނަށް ހިދުމަތްދީ ބީއެމްއެލް ފުޅާވަމުން ދާތަން ފެނުމަކީ ފަހުރެއް، ގައުމީ ބޭންކް އިތުރަށް ފުޅާވާނެ ގޮތްތަކެއް ތަނަވަސް ކުރަން ޖެހޭ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ބީއެމްއެލްއިން ކުޑަހުވަދޫގައި ބްރާންޗެއް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ ދުނިޔޭގެ ތަރައްގީވެފައިވާ ކޮންމެ ގައުމެއްގައި ވެސް ގައުމު ކުރިއަށް ދިއުމުގައި ގައުމީ ބޭންކް މުހިންމު ރޯލެއް ވަނީ އަދާކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ގާނޫނުތައް ހުރިގޮތުން ބޭންކް އަށް އެހެން ވިޔަފާރިތަކުގައި ބައިވެރި ނުވެވޭ ކަމަށާ ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި މިކަން އޮތީ މިހެނެއް ނޫނެވެ. އެހެންކަމުން ބޭންކުގެ ރިސްކް މިޓިގޭޓް ކުރުމަށްފަހު، އެހެން ވިޔަފާރިތަކާ ގުޅިގެން ކުރިއަށް ދެވޭނެ މެކޭނިޒަމެއް ހެދުން މިއީ މުހިންމުކަމެއް ކަމަށ ވިދާޅުވި އެވެ. އަދި މިކަމާއެކު މަރުކަޒީ ބޭންކުގެ ގަވަރުނަރު ވެސް ފުންކޮށް ވިސްނާ ވަޑައިގަތުމަށް ފިނޭންސް މިނިސްޓަރު އެދިލެއްވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ވިޔަފާރިތަކުގެ އިތުރުން އިންޑިވިޖުއަލްއަށް ވެސް ބީއެމްއެލް އިން އެހީތެރިކަންދޭ ކަމަށާ، މިއީ އެހެން ބޭންކްއަކުން ނުލިބޭނެ ހިދުމަތެކެވެ.
"އެންމެން ގުޅިގެން މި ބޭންކް ބޮޑު ކުރަންވީ. ބޭންކް ބޮޑު ވެގެން ދިއުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމަށްވޭ. އެހެން ވިޔަފާރިތަކުން ވެސް ބޭންކްތަކާ ގުޅިގެން ބައިވެރިވުން މުހިންމު،" ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ގައުމީ ބޭންކް އިން 10 މިލިއަން ރުފިޔާއިން ފެށި ބޭންކް މިހާރު 16 ބިލިއަން ރުފިޔާއަށް ކެޕިޓަލް އަރާފައިވާއިރު ހުރިހާ ޕްރޮޖެކްޓްތައް ވެސް ހިންގާފައިވަނީ ދިވެހި ރައްޔިތުންނަށްޓަކަ އެވެ. އަދި މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ގައުމީ ބޭންކް އޭގެ އަަސްލު މަގާމަށް އަންނަތަން ފެންނަމުންދާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"ރާއްޖޭގައި ހިންގާ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތައްވެސް ފުޅާ ކުރަން މަސައްކަތް ކުރަމުންދާތަން. ރާއްޖޭގެ އިގްތިސޯދު ފުޅާވާނީ ވިޔަފާރި ފުޅާ ވެގެން. މިގޮތަށް ދާނީ ކުދި ވިޔަފާރީގެ އިތުރުން ބޮޑެތި ވިޔަފާރިތަކުގައި ވެސް ހިފައިގެން ކުރިއަށް ދިއުން. އަބަދުވެސް ބޭނުންވަނީ ރައީސްގެ އިރުޝާދާއެއްގޮތަށްވާ ގޮތުގެ މަތިން އިގްތިސޯދު ފުޅާ ކުރުން،" ޒަމީރު ވިދާޅުވި އެވެ.