އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އަލަށް ނެރުނު ފައިލްތަކުގައި ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނަރާ ގުޅޭ ވަރަށް ސީރިއަސް ތުހުމަތު ތަކެއް ވަނީ ފެންމަތިވެފަ އެވެ.

ޖިންސީ ގޯނާ ކުރުމުގައި "އެޕްޔާ" އެއް ހަދައިގެން އުޅުނު އެމެރިކާގެ ބިލިއަނަރު ޖެފްރީ އެޕްސްޓީންގެ ކުށގެ ފައިލްތަކުގެ އާ ބައެއް އާއްމުވިއިރު ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއް ކަމަކީ ބާރުގަދަ ކަމަށް ދައުވާކުރާ އުޅޭ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުންނެވީ އިސްރާއިލްގެ ފުށުތެރޭގައި ކަމެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އަލަށް އާންމުކުރި ތިން މިލިއަނަށްވުރެ ގިނަ ސަފުހާގެ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ އެފްބީއައި ގެ ސިއްރު ރިޕޯޓަކުން، ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނަރާ ގުޅޭ ވަރަށް ސީރިއަސް ތުހުމަތު ތަކެއް ވަނީ ފެންމަތިވެފަ އެވެ.
މި ފައިލްތަކުގައިވާ ގޮތުން ރައީސް ޓްރަމްޕް ހުންނެވީ އިސްރާއީލުގެ ނުފޫޒުގެ ދަށުގައި ބްލެކްމެއިލްވެފަ އެވެ. އެފްބީއައި އަށް މައުލޫމާތު ދިން އިތުބާރު ހުރި މަސްދަރުތަކާ ހަވާލާދީ ބުނެފައިވަނީ، ޓްރަމްޕަކީ އިސްރާއީލުގެ ނުފޫޒުގެ ދަށުގައި ތާށިވެފައި ހުރި ބޭފުޅެއް ކަމަށެވެ. އަދި ޖެފްރީ އެޕްސްޓީންއަކީ އިސްރާއީލުގެ ޖާސޫސީ އިދާރާ "މޮސާޑް" އަށް މަސައްކަތްކޮށް ދިން ޖާސޫސެއް ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ކުޝްނަރު ބޮޑު ނުފޫޒެއް ފޯރުވި ކަމަށާއި، އޭނާއާއި އޭނާގެ އާއިލާއިން މަނީ ލޯންޑަރިންއާއި، ކޮރަޕްޓް ވިޔަފާރި މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އަދި ކުޝްނަރާއި ޔަހޫދީ ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ "ޗަބާޑް" އާ ދެމެދު ގާތް ގުޅުމެއް އޮންނަ ކަމަށްވެސް ބުނެފައިވެ އެވެ. މީގެ އިތުރުން ހާވަޑްގެ ޕްރޮފެސަރު އަދި އެޕްސްޓީންގެ ވަކީލު އެލަން ޑާޝޯވިޓްޒް އަކީ މޮސާޑުން ބޭނުންކުރާ މީހެއް ކަމަށާއި، އޭނާ އެޕްސްޓީން ސަލާމަތްކުރަން ބޮޑެތި މަސައްކަތް ތަކެއް ކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އިންޑޮނޭޝިއާގެ މަހުޖަނު ހާރީ ޓަނޮއެސޮއެދިބްޖޯ، ޓްރަމްޕްގެ ބެވަަރލީ ހިލްސްގެ ގެއެއް އަގު ބޮޑުކޮށް ގަނެފައިވަނީ ވެސް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.