"ކުށުގެ ރެކޯޑު ސާފުކުރުމަށްޓަކައި ގުޅުން ހުރި މުއައްސަސާތަކުން، ހާއްސަކޮށް ކަރެކްޝަންސްއާއި ޖުޑިޝަލް ސާވިސް ކޮމިޝަނުން އިންތިހާއަށް އެބަ ލަސްވޭ. މި ތަންތަނުން އިންތިހާބަށް ތައްޔާރުވެފައިވާ ކަމަކަށް ލަފައެއް ނުކުރެވޭ،"

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން ހުޅުވާލި ދެ ހަފުތާއަކީ މާ ކުރު މުއްދަތެއް ކަމަށާއި، އެހެންކަމުން އެކަމަށް އިތުރު 10 ދުވަސް ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގައި އެދިފައިވާނެ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
އެމްޑީޕީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެޕާޓީގެ ކެމްޕެއިން މެނޭޖަރު އަބްދުﷲ ވަހީދު ވިދާޅުވީ ކުށުގެ ރެކޯޑު ސާފުކުރުންފަދަ ކަންކަމަށް ގިނަ ދުވަސް ނަގާ ކަމަށެވެ. ހާއްސަކޮށް ކަރެކްޝަނަލް ސާވިސް އާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހޯދަން ޖެހޭ ރެކޯޑު ހޯދަން ވަރަށް ބޮޑަށް ލަސްވާ ކަމަށެވެ.
"ކުށުގެ ރެކޯޑު ސާފުކުރުމަށްޓަކައި ގުޅުން ހުރި މުއައްސަސާތަކުން، ހާއްސަކޮށް ކަރެކްޝަންސްއާއި ޖުޑިޝަލް ސާވިސް ކޮމިޝަނުން އިންތިހާއަށް އެބަ ލަސްވޭ. މި ތަންތަނުން އިންތިހާބަށް ތައްޔާރުވެފައިވާ ކަމަކަށް ލަފައެއް ނުކުރެވޭ،" އަބްދުﷲ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއިން ކޮން އިދާރާއަކަށް ފޯމު ހުށަހަޅައިގެން ކުށުގެ ރެކޯޑު ހޯދަން ތިނެއް ނުވަތަ ފަސް ދުވަސް ނަގާ ކަމަށެވެ. އަދި އިންތިހާބަށް ކުރިމަތިލާން ދީފައިވަނީ އެންމެ 16 ދުވަސް ކަމަށްވާއިރު، ކުށުގެ ރެކޯޑު ހޯދަން އެހާ ގިނަ ދުވަސް ހޭދަވުމަކީ ވަރަށް ބޮޑަށް ދަތުވާ ކަމެއް ކަމަށް އޭނާ ވިދާލުވި އެވެ.
އޭގެއިތުރުން، ހަމައެކަނި އޮންލައިންކޮށް ފޯމު ހުށަހެޅޭ ގޮތަށް އޮތުމަކީ ވެސް އިންތިހާބީ ހައްގަކަށް ހުރަސް އެޅޭ ކަމެއް ކަމަށާއި، އެހެންކަމުން އިންތިހާބަށް ކުރިމަތިލާން އިތުރު 10 ދުވަސް ދިނުމަށް އެމްޑީޕީން އީސީގައި ވަނީ އެދިފަ އެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ. އެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރުފަހު 3:30 އާ ހަމައަށެވެ.