މި ދައުވާތައް ސާބިތުވެއްޖެނަމަ، ޝުއައިބުގެ މައްޗަށް މަދުވެގެން 60 އަހަރާއި އެއް މަހާއި ހަ ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެ އެވެ.

މ. ކޮޅުފުށީގައި ހުންނަ މ. އަތޮޅު މަދަރުސާގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، އެ ސްކޫލްގެ ޓީޗަރަކަށް 60 އަހަރުގެ ޖަލު ހުކުމެއް އަންނާނެ، ގިނަ ދައުވާތަކެއް އުފުލައިފި އެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މ. ކޮޅުފުށި، ސާދާގެ، ޝުއައިބު އަބްދުﷲ، މ. އަތޮޅު މަދަރުސާގެ ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި ހުރެ، އެ ސްކޫލް ދަރިވަރުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ތަފާތު ފަސް ދައުވާއެއް ކުރުމަށް އެ ރަށުގެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ޝުއައިބުގެ މައްޗަށް އުފުލާފައިވަނީ، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ
އަކާއި، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ބެލުވުމުގެ ދެ ދައުވާގެ އިތުރަށް ރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ.
"މި ދައުވާތަކަކީ ޝުއައިބު އަބްދުﷲ، މ. އަތޮޅު މަދަރުސާގައި އޭނާ ކިޔަވައިދޭ 2 (ދޭއް) ކުއްޖެއް ގައިގާ ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީއާއި، އެކުދިންނަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފައިވާތީ ކޮށްފައިވާ ދައުވާތަކެކެވެ،" ޕީޖީން ބުންޏެވެ.
މި ދައުވާތައް ސާބިތުވެއްޖެނަމަ، ޝުއައިބުގެ މައްޗަށް މަދުވެގެން 60 އަހަރާއި އެއް މަހާއި ހަ ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެ އެވެ.