ހުޅުމާލޭގައި ހަދިޔާ ބެހުމަށް ފަސޭހަވާނޭހެން އިންތިޒާމްތައް ހަމަޖައްސައިދިނުމުގެ މަސައްކަތް އެޗްޑީސީގެ ޓީމުން ދަނީ ކުރަމުން.

އަންނަ މަހު ފެށޭ ރޯދަ މަހާ ދިމާކޮށް، ކޮންމެ ގޭބީސީއަކަށް ހިލޭ ބަހާ މަސްދަޅު ކޭސް ހުޅުމާލޭގައި ދޫކުރާ ތަންތަން ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޑީސީން ބުންޏެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް 15 ތަނަކުން ދޫކުރާނެ އެވެ. އެއީ މާލޭގެ 8 ސަރަހައްދަކާއި ހުޅުމާލެ 6 ސަރަހައްދެއްގެ އިތުރުން ވިލިމާލޭގެ 1 ސަރައްދުންނެވެ.
އެޗްޑީސީން ބުނީ، ރައްޔިތުންނަށް ރޯދަ ހަދިޔާ ބެހުމަށް ސަރުކާރުން ހަމަޖައްސަވާފައިވާއިރު، މިކަމަށް އެއްބާރުލުންދީ، ހުޅުމާލޭގައި ހަދިޔާ ބެހުމަށް ފަސޭހަވާނޭހެން އިންތިޒާމްތައް ހަމަޖައްސައިދިނުމުގެ މަސައްކަތް އެ ކުންފުނީގެ ޓީމުން ކުރަމުންދާ ކަމަށެވެ.
މި އަހަރުގެ ރޯދަ މަހު ޖުމްލަ 118،673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރާނެ އެވެ. އެއީ އަތޮޅުތަކުގެ 56،918 ގޭބިސީ އާއި މާލެ ސަރަހައްދުގެ 61،755 ގޭބިސީއެވެ.
ރަށްރަށުގައި ކައުންސިލްތަކާ ގުޅިގެން އެސްޓީއޯ އިސްކޮށް ތިބެ މަސްދަޅު ބެހުމުގެ މަސައްކަތް ކުރާނީ، އެ ރަށަކުން މިހާރު ދީފައިވާ ގޭބިސީތަކުގެ ލިސްޓުގައި ހިމެނޭ ގޭބިސީތަކަށެވެ.
މަސްދަޅު ކޭސް ބެހުމަށް ހާއްސަކޮށް ޕޯޓަލް މެދުވެރިކޮށް އިއްޔެ މެންދުރު 12:00ން ފެށިގެން ނަންބަރު ދޫކުރަން ފަށާފައިވާއިރު، އެއްވެސް މީހަކު ކިޔޫގައި ޖެހެން ނުޖެހޭނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ކަނޑައެޅިފައިވާ ތަންތަނުން މަސްދަޅު ކޭސް ދޫކުރަން މާދަމާ ފަށާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.