ރާއްޖޭގައި އެންމެ ގިނަ މުވައްޒަފުން ތިބި ރިސޯޓެއްގެ ގޮތުން އެންމެ ބޮޑު ސާވިސް ޗާޖެއް އަބަދުވެސް ދެނީ މި ރިސޯޓުންނެވެ.

ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓްތަކަކީ ދުނިޔޭގެ ފެންވަރުގައި މަސައްކަތްތެރިންނަށް އެންމެ ބޮޑު ސާވިސް ޗާޖު ބަހާ ރިސޯޓްތަކެވެ. އަދި ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހާއި ޖެނުއަރީ މަހަކީ އެންމެ ބޮޑު ސާވިސް ޗާޖެއް ދޭ ދެ މަހެވެ. މި އަހަރަށް ބަލާއިރު މިދިޔަ މަހަކީ މި ފަހުން އެންމެ ބޮޑު ސާވިސް ޗާޖެއް ލިބުނު މަހެވެ. މިދިޔަ ޑިސެމްބަރު މަހު ސާވިސް ޗާޖުގެ ގޮތުގައި ރާއްޖޭގެ ވޮލްޑޯފް އެސްޓޯރިއާ އިތާފުށި މޯލްޑިވްސް އިން ވަނީ ކޮންމެ މުވައްޒަފަކަށް 4،177 ޑޮލަރު، ގާތްގަނޑަކަށް 64,409ރ. ބަހާފަ އެވެ.
ދަ "މިރާ" އަށް އެނގިފައިވާ ގޮތުގައި މިމަހު އެންމެ ބޮޑު ސާވިސް ޗާޖެއް ރާއްޖޭން ރިސޯޓްތަކުން ދިން އެއް ރިސޯޓަކީ މެދުއިރުމަތީގެ މަހުޖަނަކާއި ރާއްޖޭގެ ހ. ސީސައިޑް، މުހައްމަދު އަލީ ޖަނާހު ގުޅިގެން ތަރައްގީކޮށްފައިވާ ހަތް ތަރީގެ އިތާފުށި ރިސޯޓެވެ. މި ރިސޯޓުން އެވްރެޖުކޮށް ހަފުތާއަކު 826 ޑޮލަރު ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ދީފައިވެ އެވެ.
އިތާފުށި ރިސޯޓުން ބޮޑު ސާވިސް ޗާޖެއް ދޭން ފުރުސަތު ލިބޭ މައިގަނޑު ސަބަބަކީ މި ރިސޯޓަށް އަންނަ މަޝްހޫރު މީހުންނާއި މަހުޖަނުންނެވެ. ދުނިޔޭގެ އެންމެ މުއްސަނދި އެއް މަހުޖަނުގެ ދަރިފުޅު ކަމަށްވާ އާނަންތު އަންބާނީ ފަދަ ބޭފުޅުން ތިއްބަވާ ލަގްޒަރީ މި ރިސޯޓުގައި އެވްރެޖްކޮށް ރެޔަކަށް ވިއްކަނީ 3,000 ޑޮލަރަށްވުރެ މަތީގެ އަގުތަކެއްގަ އެވެ. މި އަދަދު 10% ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ލިބޭނެ އެވެ.
މި ރިސޯޓުގައި އާންމުގޮތެއްގައި 600 އާއި 800 އާ ދެމެދުގެ މުވައްޒަފުން މަސައްކަތް ކުރެ އެވެ. މި ރިސޯޓުގެ އެންމެ އިސް ބައެއް މަގާމުތަކުގައި ބޭރު މީހުން ތިބި ނަމަވެސް ހިއުމަން ރިސޯސް އާއި ފްރަންޓް އޮފީސް ފަދަ ދާއިރާތަކުގެ މެނޭޖްމަންޓުގައި ދިވެހިން ގިނަ އެވެ. އަދި ޓްރާންސްޕޯޓް އާއި އިންޖީއަރިން މި ދާއިރާތަކުގައި ގާތްގަނޑަކަށް 90 އިންސައްތައަކީ ދިވެހިންނެވެ. ލޯންޗް ކެޕްޓަނުންނާއި ފަޅުވެރިންނަކީ ގިނައިން ދިވެހިންނެވެ.
މި ރިސޯޓުގައި ޖުމްލަ 119 ވިލާ ހުންނައިރު، މިއީ ގާތްގަނޑަކަށް ކޮންމެ ވިލާއަކަށް 5 ނުވަތަ 6 މުވައްޒަފުންގެ ނިސްބަތެކެވެ. އެހެންވެ މި ރިސޯޓް ވެގެން ދަނީ މުވައްޒަފުންގެ އަދަދު ގިނަ އަދި އެންމެ ބޮޑު ސާވިސް ޗާޖެއް ދޭ ރިސޯޓުގެ ގޮތުގަ އެވެ.
މި ރިސޯޓުގެ އިތުރުން ރާއްޖޭގައި އާއްމުކޮށް އެންމެ މަތިން ސާވިސް ޗާޖުދޭ ލިސްޓުގައި އާއްމުކޮށް ހިމެނެނީ އަލްޓާ ލަގްޒަރީ ނުވަތަ އެންމެ މަތީ ފަންތީގެ ރިސޯޓްތަކެވެ. އެ ރިސޯޓްތަކަކީ ؛
ސާވިސް ޗާޖު ބަހާ ގޮތް - ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުގައި ޓޫރިޒަމް ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން 10 ޕަސެންޓަށްވުރެ ވުރެ މަދު ނޫން އަދަދަކުން ސާވިސް ޗާޖު ނަގަން ޖެހެ އެވެ. އަދި ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާ ވަޒީފާ ދޭ ފަރާތުގެ ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާ އެކު ބަހަން ޖެހެ އެވެ. ސާވިސް ޗާޖަށް ލިބޭ އާމްދަނީ، ޖެހިގެން އަންނަ މަސް ނިމުމުގެ ކުރިން މުވައްޒަފުންނަށް ދޭން ޖެހެ އެވެ. އަދި ސާވިސް ޗާޖް ބެހުމުގައި އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅެގެން ނުވާނެ ކަމަށް އެ ގާނޫގައިވެ އެވެ. ނަމަވެސް ސާވިސް ޗާޖު ދޭން ޖެހެނީ ޑޮލަރުންކަމެއް ނޫނީ ރުފިޔާއިން ކަމެއް ގާނޫނުގައި ބުނެފައެއް ނުވެ އެވެ. ޒަމާނުއްސުރެން ފެށިގެން ދެނީ ޑޮލަރުންނެވެ.