އެ މައްސަލައިގައި އުފުލާފައިވާ ރިޝްވަތުގެ ދައުވާތައް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފައިވަނީ ދައުވާތަކުގެ ރުކުންތައް މައުމޫންގެ މައްޗަށް ސާބިތުނުވާ ކަމަށް ބުނެ އެވެ.

ކޮރަޕްޝަންގެ ތުހުމަތުގައި 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖީން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ފަސް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
މައުމޫން 2016 ވަނަ އަހަރު މޯލްޑިވްސް ގޭސްގެ އެމްޑީގެ މަގާމުގައި ހުރިއިރު، ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ތުހުމަތުކޮށް، އޭނާގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއެއް އުފުލި އެވެ.
އޭގެ ތެރެއިން ކޮރަޕްޝަންގެ ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 12 އަހަރާއި ނުވަ މަހަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
އެ މައްސަލައިގައި އުފުލާފައިވާ ރިޝްވަތުގެ ދައުވާތައް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފައިވަނީ ދައުވާތަކުގެ ރުކުންތައް މައުމޫންގެ މައްޗަށް ސާބިތުނުވާ ކަމަށް ބުނެ އެވެ.
އެހެނަސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ އެ ދައުވާތައް ސާބިތު ނުވާ ކަމަށް ކޯޓުން ނިންމާފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތް ކުރުމެއް ނެތި، ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށްކަމަށް ބެލެވޭ ކަމަށެވެ.
"އެހެންކަމުން، ސާބިތުނުވާކަމަށް ކަނޑައެޅުއްވި ފަސް ދައުވާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މި އޮފީހުން ގަސްދުކުރަން،" ޕީޖީ އޮފީހުން ބުންޏެވެ.
ނަމަވެސް، މިކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު ލިބުމުން ކަމަށްވާތީ، އެ ރިޕޯޓް ލިބުމުން އިސްތިއުނާފުކުރުމާމެދު ފަހު ނިންމުމެއް ނިންމާނެ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
މި ދައުވާތައް އުފުލާފައި ވަނީ މައުމޫނާއި މައުމޫންގެ އާއިލީ ބައެއް ފަރާތްތަކަށް އަދި އޭނާއާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް މޯލްޑިވް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓާނޭޝަނަލް އިން ފައިސާ ފޮނުވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާ ގައެވެ.
މި މުއާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި މައުމޫނާއި އޭނާއާ ގުޅުންހުރި އެކައުންޓުތަކަށް 298،403.5 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.