މަރުވެފައި ވަނީ އެމްޕީއެލްގެ ފްލީޓް ސާވިސް ޑިޕާޓްމަންޓްގެ މެރިން ކްރާފްޓް ސެކްޝަންގެ ސީނިއާ ޑެކް ހޭންޑެއްގެ މަގާމު އަދާކުރަމުންދިޔަ އަމީން އަބްދުލްހަމީދު 30، އެވެ.

މާލެ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ޑިއުޓީ ކުރަމުން ދިޔަ އެމްޕީއެލްގެ މުވައްޒަފަކު މިއަދު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
މަރުވެފައި ވަނީ އެމްޕީއެލްގެ ފްލީޓް ސާވިސް ޑިޕާޓްމަންޓްގެ މެރިން ކްރާފްޓް ސެކްޝަންގެ ސީނިއާ ޑެކް ހޭންޑެއްގެ މަގާމު އަދާކުރަމުންދިޔަ ގއ. ދެއްވަދޫ، ދެކޮނުގެ، އަމީން އަބްދުލްހަމީދު 30، އެވެ.
އެމްޕީއެލް އިން ބުނީ އަމީން ޑިއުޓީގައި ހުއްޓައި ފިޓުޖެހިގެން މާލޭ ވިޔަފާރި ބަނދަރުގެ ހުޅަނގު ފަރާތު ޖެޓީ ސަރަހައްދު މޫދަށް ވެއްޓިފައިވާ ކަމަށެވެ.
މި ހާދިސާ ހިނގުމާއެކު، އެ ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ އެމެޖެންސީ ރެސްޕޮންސް ޓީމުން ވަގުތުން އެ ސަރަހައްދަށް އެޓެންޑްވެ، އެމްބިއުލަންސްގައި އަމީން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެމްޕީއެލްގައި ފަސް އަހަރު މަސައްކަތްކޮށްފައިވާ އަމީން މަރުވެފައި ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ އެމްޕީއެލްއާ ގުޅުނީ 2020 ވަނަ އަހަރު އެވެ.
"މި ފުރުސަތުގައި، އަމީންގެ އާއިލާއަށް މި ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ތައުޒިޔާ ދަންނަވަން،" އެމްޕީއެލްއިން ބުންޏެވެ.