މި ރޯދަ މަހު އިސްލާމީ މަރުކަޒާއި ސަލްމާން ސެންޓަރުގައި ވެސް ފާހަގަކޮށްލެވޭ ޒުވާން ހަތީބުންނަށް ހުތުބާ ކިޔަން ފުރުސަތު ދެވިގެންދާނެ ކަމަށާއި، އެ ދެ މަރުކަޒުގައިވެސް އިމާމުވެ ތަރާވީސް ކުރާނީ ދިވެހި ހާފިޒުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރުގެ ރޯދަމަހުގައި މާލެ ސަރަހައްދުގައި 37 ދިވެހި ހާފިޒުން އިމާމުވެ ހިފްޒުކޮށް ތަރާވީސް ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ މިއަހަރުގެ ރޯދަމަހު މާލެ ސަރަހައްދުގައި ތަރާސްވީސް ކުރާ ދިވެހި ހާފިޒުންގެ ތެރޭގައި ގިނައީ ވަރަށް ޒުވާން ކުދިން ކަމަށާއި އަދި ވަރަށް ރީތިކޮށް ކިޔަވާނެ ހާފިޒުން ކަމަށެވެ.
މި ރޯދަ މަހު އިސްލާމީ މަރުކަޒާއި ސަލްމާން ސެންޓަރުގައި ވެސް ފާހަގަކޮށްލެވޭ ޒުވާން ހަތީބުންނަށް ހުތުބާ ކިޔަން ފުރުސަތު ދެވިގެންދާނެ ކަމަށާއި، އެ ދެ މަރުކަޒުގައިވެސް އިމާމުވެ ތަރާވީސް ކުރާނީ ދިވެހި ހާފިޒުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި ޖުމްލަ 47 މިސްކިތް ހުންނައިރު، ކުރުކޮށް ކިޔަވައި ނަމާދުކުރާ މިސްކިތްތައް އިތުރުކޮށްފައިވާނެ ކަމަށާއި އަދި ބޮޑެތި ބައެއް މިސްކިތްތަކުގައި ވެސް ކުރުކޮށް ކިޔަވައި ތަރާވީސް ނަމާދު ކުރުމަށް ފުރުސަތު ފަހިކޮށްދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތަށް ހެދީ އެފަދަ ޖަމާއަތްތަކަށް ގިނަ މީހުން އެއްވާތީކަން ވެސް ފާހަގަކުރެއްވި އެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ އާންމުކޮށް ކުރުކޮށް ކިޔަވައި ތަރާވީސްކުރާ މިސްކިތެއްކަމުގައިވާ، މަޖީދީ މަގުގެ ގަލޮޅު ދަނޑު ކުރިމަތީ ހުންނަ ސުލްތާން އާދިލް މިސްކިތުގައި މިފަހަރު ކުރާނީ ދިގުކޮށް ހިފްޒުކޮށް ކަމަށެވެ. އަދި ބަރުބަރީ މިސްކިތުގައި ތަރާވީސް ކުރާނީ ކުރުކޮށް ކަމަށެވެ.
އެގޮތަށް ނިންމީ އާދިލް މިސްކިތުގައި ކުރުކޮށް ކުރާތީވެ، ޖަމާއަތް ބޮޑުވެގެން ގޮސް މަޖީދީ މަގު ބްލޮކްވެ، ރައްޔިތުންނާއި ސަވާރީތަކަށް ދަތިތައް ދިމާވާތީވެ އެކަމަށް ހައްލެއް ހޯދުމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ 2027 ގައި މާލެ ސަރަހައްދުގައި އިމާމުވެ ތަރާވީސްކުރާ އެންމެހައި ހާފިޒުންނަކީ ދިވެހިންނަށް ވޭތޯ މަސައްކަތްކުރުން. ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި މިފަހަރު ވެސް ގިނަ އަދަދެއްގެ ދިވެހި ހާފިޒުން އިމާމުވެ ތަރާވީސްކުރާނެ،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ މިފަހަރު މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތްތަކުގައި އިމާމުވެ އީދު ނަމާދު ކުރާ ބޭފުޅުންގެ ތެރޭގައި ފާހަގަކޮށްލެވޭ ޒުވާން ހަތީބުން ހިމެނޭ ކަމަށެވެ.