މި ތިން ރަށުގެ ތެރެއިން ނައިފަރުގައި ގާއިމްކުރަނީ 1000 މީހުންގެ ޖާގައިގެ މަރުކަޒެކެވެ. ވިލިނގިއްޔާއި އިހަވަންދޫގައި އަޅަނީ 700 މީހުންގެ ޖާގައިގެ މަރުކަޒެކެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ މަރުކަޒު އަޅަން ހަވާލުކުރީ ޅ. ނައިފަރާއި ގއ. ވިލިނގިލީގެ އިތުރުން ހއ. އިހަވަންދޫގަ އެވެ.
ނައިފަރުގެ މަރުކަޒު ގާއިމްކުރަން ހަވާލުކޮށްފައި ވަނީ ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑާ އެވެ. އަދި އިހަވަންދޫ މަރުކަޒުގެ މަސައްކަތް ފީޑޯ ޕްރައިވެޓް ލިޓެޑާ ހަވާލުކޮށްފައިވާއިރު، ވިލިނގިލީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކޭ އެންޑް އެފް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑާ އެވެ.
މި އިސްލާމީ މަރުކަޒުތަކުގައި ކްލާސްރޫމާއި ލައިބްރަރީ، ފިރިހެނުންނާއި އަންހެނުން ވަކިން ނަމާދު ކުރާ ބަޔާއި ވުލޫކުރާ ބައި ހިމަނާފައިވެ އެވެ. އަދި ކޮންވެންޝަން ހޯލުވެސް ހިމެނެ އެވެ.
މި ތިން ރަށުގެ ތެރެއިން ނައިފަރުގައި ގާއިމްކުރަނީ 1000 މީހުންގެ ޖާގައިގެ މަރުކަޒެކެވެ. ވިލިނގިއްޔާއި އިހަވަންދޫގައި އަޅަނީ 700 މީހުންގެ ޖާގައިގެ މަރުކަޒެކެވެ.
އޭގެ އިތުރުން ވިލިނގިލީގައި ގުރުއާން މަރުކަޒެއް އެޅުމަށްވެސް ހަވާލުކޮށްފައިވެ އެވެ. އެތަނުގައި ކްލާސްރޫމަކާއި ހިފްޒު ކޮޓަރިއެއްގެ އިތުރުން އޮފީސް ކޮޓަރިއެއް ވެސް ގާއިމްކުރާނެ އެވެ.
މި ރަސްމިއްޔާތުގައި ކ. ގުޅީގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށްވެސް ހަވާލުކޮށްފައިވެ އެވެ. އެ މިސްކިތުގައި ކްލާސްރޫމަކާއި ލައިބްރަރީއެއް ވެސް ގާއިމުކުރާނެ އެވެ.
މި ދެ މަޝްރޫއުވެސް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.