ޑރ. ލަތީފާއި އިކްލީލަށް ދައުވާކޮށްފި، ސާބިތުވެއްޖެނަމަ ބޮޑު އަދަބެއް އައިސްދާނެ

ޕީޖީ އޮފީހުން ބުނީ ޓެކްސް ބަޔާންތައް ހުށަހެޅުމުގައި އޮޅުވާލާފައިވާ މައްސަލައިގައި ދައުވާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ޑރ. އަލީ އަބްދުﷲ ލަތީފް އަދި ޑރ. އިކްލީލް ޝަރީފް --

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ފުޅާދާއިރާއެއްގައި ޕީސީއާރް ޓެސްޓުގެ ހިދުމަތް ދިން ޕައިނިއާ މޯލްޑިވްސް އާއި އައިލެންޑް ހެލްތު ސޮލިއުޝަންސް އިން ޓެކުހަށް މަކަރު ހެދި މައްސަލައިގައި އެ ދެ ކުންފުންޏަށާއި، ޑރ. އަލީ އަބްދުﷲ ލަތީފާއި ޑރ. އިކްލީލް ޝަރީފަށް ދައުވާކޮށްފި އެވެ.

ޓެކްސްއަށް މަކަރު ހެދުމުގެ ތުހުމަތުގައި ދައުވާކުރި ޑރ. އިކްލީލަކީ ދެ ކުންފުނީގައިވެސް ހިމެނޭ ޑިރެކްޓަރެކެވެ. އަދި ޑރ. އަލީ ލަތީފަކީ އައިލެންޑް ހެލްތު ސޮލިއުޝަންގެ ޑިރެކްޓަރެކެވެ.

ކޮވިޑްގެ ދުވަސްވަރު ޕީސީއާރު ޓެސްޓިންގެ ހިދުމަތް ދިނުމުގައި އެންމެ އިސްކޮށް އެ ދެ ކުންފުނިން ހަރަކާތްތެވެފައިވާއިރު، އެ ތަންތަނުން މީރާއަށް ހުށަހެޅި އިންކަމް ޓެކްސްގެ ބަޔާނުގައި، ޓެކްސް ނެގޭ އާމްދަނީ ވަރަށް ބޮޑަށް ދަށްކޮށްގެން ހުށަހަޅާފައިވާ ކަމަށްބުނެ އެ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ހުށަހަޅާފައިވަނީ މީރާއިންނެވެ.

ޕީޖީ އޮފީހުން ބުނީ ޓެކްސް ބަޔާންތައް ހުށަހެޅުމުގައި އޮޅުވާލާފައިވާ މައްސަލައިގައި ދައުވާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގައި ޑރ. ލަތީފަށް ކުރަނީ ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ ތިން ދައުވާ އެވެ. އަދި ޑރ. އިކްލީލް އަދި އދ. މާމިގިލި، ބޯވެލި، އަލީ ފަޔާޒްގެ މައްޗަށް ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ ފަސް ދައުވާ ވަނީ އުފުލައިފަ އެވެ.

އަދި އައިލެންޑް ހެލްތް ސޮލިއުޝަންސް ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ ތިން ދައުވާ އަދި ޕައިނިއާ މޯލްޑިވްސް ޕްރައިވެޓްއަށް އޭގެ ދެ ދައުވާ ވަނީ އުފުލައިފަ އެވެ. އައިލެންޑް ހެލްތް ސޮލިއުޝަންސްގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާވެސް ވަނީ އުފުލައިފަ އެވެ.

ޕީޖީ އޮފީހުން ބުނީ ކޮވިޑް ދުވަސްވަރު މި ކުންފުނިތައް ހިންގުމުގައި ޑރ. ލަތީފް އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމަށް ތަހުގީގަށް ހޯދިފައިވާ ކަމަށެވެ. އަދި އިކުލީލަކީވެސް ކުންފުނިތަކުގެ ބޮޑު ހިއްސާއެއް އޮންނަ ފަރާތަކަށްވާއިރު، ދައުވާ ކުރި ފަޔާޒަކީ މި ދެ ކުންފުނީގެ ޓެކްސް ބަޔާންތައް ހުށަހެޅުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ފަރާތެވެ. މި ފަރާތްތަކުގެ މައްޗަށް ދައުވާ ކުރީ އެމީހުން އަދާކުރާ ދައުރަށް ރިއާޔަތްކޮށްގެން ކަމަށް އެ އޮފީހުން ބުންޏެވެ.

ދައުވާ ލިބޭ ވަކިވަކި މީހުންގެ މައްޗަށް ކުށް ސާބިތުވާ ހާލަތުގައި ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅައިދިނުމަށް ކޯޓުގައި އެދޭނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި ދަޢުވާލިބޭ ކުންފުނިތަކުން މީރާއަށް ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކުގައިވާ އަދަދުތަކާއި، އެ ކުންފުނިތަކުގެ އަސްލު އާމްދަނީއަށް ބަލާއިރު، މި ދެ ކުންފުނިން 20.2 މިލިއަން ރުފިޔާގެ ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވެފައިވެފައިވާ ކަމަށެވެ.

މި މައްސަލާގައި އެ ކުންފުނިތަކުގެ މައްޗަށް ދައުވާ ސާބިތުވެއްޖެނަމަ، ޓެކްސް ދެއްކުމުން އެއްކިބާވި އަދަދުގެ ދެ ގުނައަށްވާ 40.4 މިލިއަން ރުފިޔާއިން ކުންފުނިތައް ޖޫރިމަނާކުރުމުގެ އަދަބު ކަނޑައަޅައިދިނުމަށް އެދޭނެ ކަމަށް ޕީޖީން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.