މިފްކޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ ނިޔަލަށް މިފްކޯއަށް ހަ ދޯންޏަކުން ދަނީ ކަންނެލި ކިރުވަމުންނެވެ.

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ކަންނެލި ގަންނަން ފަށައި، ކަންނެލި މަސްވެރިންނަށްވެސް 48 ގަޑިއިރު ތެރޭ ފައިސާ ދޭން ފަަށައިފި އެވެ.
މިފްކޯގެ ސީނިއަ މެނޭޖަަރު ޕީއާރް ޝިފްޒާ މުޞްޠަފާ ވިދާޅުވީ އިއްޔެއިން ފެށިގެން މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް ވަނީ 10ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަން ވަނީ ފަށާފަ އެވެ. އެގޮތުން މި ސައިޒުގެ ކަންނެލި ގަތުމަށް ކަނޑައަޅާފައިވަނީ ކިލޯއެއް 20ރ. ގެ މަގުން. ކޫއްޑޫ ބަނދަރާއި އައްޑޫ ބަނދަރާއި އަދި ފުވައްމުލަކާއި ގދ. ގައްދޫއާއި ގދ. ތިނަދޫން މިފްކޯގެ ބޯޓުފަހަރަށް މި ސައިޒުގެ ކަންނެލި އިއްޔެ ގަނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިފްޒާ ވިދާޅުވީ މީގެ އިތުރަށް 15 ކިލޯއިން މަތީގެ ކަންނެލި 25ރ. ގެ މަގުން މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް ދަނީ ގަންނަމުން ގެންދާ ކަމަށެވެ. އަދި ކަޅުބިލަމަހެކޭ އެއްފަދައިން މިފްކޯއަށް ކިރުވާ ކަންނެލި މަހަށްވެސް 48 ގަޑިއިރުތެރޭ ދަނީ ފައިސާ ދޫކުރަމުން ގެންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މިއީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް މިފްކޯއާ ގުޅިގެން ކުރެވޭ މަސައްކަތުގެ ބައެއް. މިގޮތުން މި މުހިންމު ފިޔަވަޅުގެ ސަބަބުން ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ބޮޑު ހައްލެއް ލިބި، ކަންނެލި މަސްވެރިކަމަށް ކުރިއެރުންތަކެއް ލިބުގެންދާނެ ކަމަށް އަޅުގަނޑުމެން ދެކެން،" ޝިފްޒާ ވިދާޅުވި އެވެ.
މިފްކޯއިން ކަންނެލި ގަންނަން ފަށާފައިވަނީ ކަންނެލި މަސްވެރިން އެކަމަށް އެދެމުންދާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. މިކަމުގައި ކަންނެލި މަސްވެރިން މަސްވެރިންގެ ދުވަހު އިހުތިޖާޖުވެސް ކުރި އެވެ. ސަރުކާރުން ދަނީ ކަންނެލި ގަތުން ވަރުގަދަ ކުރުމުގެ ގޮތުން ހުޅުމާލޭގައި ކަންނެލި ގަންނާނެ ޕްރޮސެސިން ޕްލާންޓެއް ހަދަން މަަސައްކަތް ކުރަމުންނެވެ.
މިފްކޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ ނިޔަލަށް މިފްކޯއަށް ހަ ދޯންޏަކުން ދަނީ ކަންނެލި ކިރުވަމުންނެވެ. އަދި ކަންނެލި މަސްވެރިންނަށް މިހާތަނަށް 82،350ރ. ވަނީ ދޫކޮށްފަ އެވެ. އަދި ކަޅުބިލަ މަސްވެރިންނާއެކު ޖުމްލަ 38 ދޯނި 1.2 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.