ރާއްޖޭގައި ޓޫރިސްޓުން މަޑުކުރާ މުއްދަތު މިދިޔަ އަހަރަށްވުރެ އިތުރު ވެއްޖެ

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހުގެ ފުރަތަމަ 19 ދުވަހު ޓޫރިސްޓުން ރާއްޖޭގައި އެވްރެޖްކޮށް މަޑުކޮށްފައިވަނީ 8.0 ދުވަހު އެވެ.

މި އަހަރު ރާއްޖެއަށް އައި ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކިޔަނީ -- އެމްއޭސީއެލް

ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތު މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ. 

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހުގެ ފުރަތަމަ 19 ދުވަހު ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް މަޑުކޮށްފައިވަނީ 8.0 ދުވަހު އެވެ. މިއީ މިދިޔަ ތިން އަހަރާ އަޅާކިޔާނަމަވެސް އިތުރުވުމެކެވެ. 

މަޑުކުރާ މުއްދަތުގެ އަޅާކިޔުމެއް

  •  2024 ވަނަ އަހަރު: 7.9 ދުވަސް
  •  2025 ވަނަ އަހަރު: 7.8 ދުވަސް
  •  2026 ވަނަ އަހަރު 8.0 ދުވަސް

މަޑުކުރާ މުއްދަތުގެ އިތުރުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޖުމްލަ އަދަދުވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައެވެ. މި އަހަރު ވަނީ މިދިޔަ އަހަރާ އަޅާކިޔާނަމަ 13 ޕަސެންޓުގެ އިތުރުވުމެއް އައިސްފަ އެވެ. 

ޓޫރިސްޓުން އައި މިންވަރު

  •  2026 (ޖެނުއަރީ 1-19): 135,555 ފަތުރުވެރިން
  •  2025 (ޖެނުއަރީ 1-19): 119,875 ފަތުރުވެރިން

ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުވުމަކީ ރާއްޖޭގެ އިގްތިސާދަށް ލިބޭ ބޮޑު ކުރިއެރުމެކެވެ. ފަތުރުވެރިން ގިނަ ދުވަހު މަޑުކުރި ވަރަކަށް ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ އިތުރުވެ، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުވެގެންދެއެވެ. ހާއްސަކޮށް އިޓަލީ، ރަޝިޔާ އަދި އިނގިރޭސިވިލާތް ފަދަ ޔޫރަޕްގެ މާކެޓްތަކުން އަންނަ ޓޫރިސްޓުން ގިނަ ދުވަހު މަޑުކުރާކަން މިނިސްޓްރީގެ މައުލޫމާތުތަކުން އެނގެ އެވެ. 

މުހިންމު ތިން މާކެޓުން މަޑުކުރާ މުއްދަތު

ރަޝިޔާ ޓޫރިސްޓުންނަކީ އާންމުކޮށް ރާއްޖޭގައި އެންމެ ގިނަ ދުވަސް ހޭދަކުރާ އެއް ބައެކެވެ. އެވްރެޖްކޮށް 9.0 އާއި 10.5 ދުވަހާ  ދެމެދު ރާއްޖޭގެ ޗުއްޓީގައި ތިބެ އެވެ. އަދި ރަޝިޔާގެ ޓޫރިސްޓުން ގިނައިން ޗުއްޓީ ހޭދަކުރަނީ ލަގްޒަރީ ރިސޯޓުތަކުގަ އެވެ. އަދި އެ މީހުންގެ ދަތުރުތައް އާންމުކޮށް ދިގުލައިގެންދެ އެވެ. އަދި އިޓަލީ މީހުން އެވްރެޖުކޮށް 7.5 އާއި 8.5 ދުވަހާ ދެމެދު މަޑުކުރެ އެވެ. އިޓަލީ މީހުން އާންމުކޮށް ރާއްޖެ އަންނަނީ 7 ރޭގެ ޕެކޭޖުތަކުގަ އެވެ. މިއަހަރުގެ ޖެނުއަރީ މަހުގެ މިހާތަނަށް އިޓަލީން 17,994 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. އަދި ޗައިނާއިން އެވްރެޖްކޮށް 5.5 އާއި 6.5 ދުވަހާ ދެމެދު މަޑުކުރެ އެވެ. އަދި ޔޫރަޕްގެ މީހުންނާ އަޅާބަލާއިރު ޗައިނާ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތު ކުރެވެ. ނަމަވެސް، ޗައިނާގެ ޓޫރިސްޓުން އަންނަ މިންވަރު މިއަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިހާތަނަށް 10,751 ޓޫރިސްޓުން އައިސްފައިވެ އެވެ. 

ތިބޭ މުއްދަތު އިތުރުވުމުގެ ފައިދާ - ޓޫރިސްޓުން ރާއްޖޭގައި މަޑުކުރާ މުއްދަތު ނުވަަތަ ޑިއުރޭޝަން އޮފް ސްޓޭ އިތުރުވުމަކީ، ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމާ އެއްވަރަށް، ނުވަތަ އެއަށްވުރެވެސް ބޮޑަށް އިގްތިސޯދީ ފައިދާ ލިބޭނެ ކަމެކެވެ. މީގެ ސަބަބުން ފަތުރުވެރިކަމުގެ އާމްދަނީ އިތުރުވެ އެވެ. ކޮންމެ އިތުރު ދުވަހަކީ ކެއިންބުއިމާއި، ސްޕާ އަދި އެކި ކަހަލަ ވޯޓާ ސްޕޯޓްސް ފަދަ ހިދުމަތްތަކަށް ފަތުރުވެރިޔާ ކުރާ ހޭދަ އިތުރުވާނެ ދުވަހެކެވެ. އަދި މީގެ ސަބަބުން ޓޫރިސްޓުން ކުރާ ކޮންމެ ޚަރަދަކުން ޖީއެސްޓީ ކޮންމެ ދުވަހަކަށް ގްރީން ޓެކްސް ދައުލަތަށް ލިބެ އެވެ. އަދި އޮކިއުޕެންސީ ރޭޓް މަތިވުން ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ ކޮޓަރިތައް ފުރިފައި ހުންނަ މިންވަރު މިއާއެކު މަތިވެ އެވެ. ޓޫރިސްޓުން އަންނަ އަދަދު އިތުރު ނުވި ނަމަވެސް، ތިބޭ މުއްދަތު އިތުރުވުމުން "ބެޑް ނައިޓްސް" ނުވަތަ ޓޫރިސްޓުން ހޭދަކުރާ ރޭގެ އަދަދު އިތުރުވެ، ވިޔަފާރިތަކަށް ފައިދާވެ އެވެ. މި މުއްދަތުގައި ޖުމްލަ ބެޑްނައިޓްސް ގާތްގަނޑަކަށް 1,084,440 މިލިއަނަށްވުރެ އިތުރެވެ. މިހާތަނަށް ޓޫރިޒަމަށް އާމްދަނީގެ ގޮތުގައި 600 މިލިއަން ޑޮލަރު ލިބިފައިވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.