މި ޖަލްސާގައި މާލީ ރިޕޯޓް ފާސްކުރުމާއި 2024 ވަނަ އަހަރުގެ ކުންފުނީގެ މާލީ ހިސާބުތަކާއި އޮޑިޓް ރިޕޯޓްތަކާ މެދު މަޝްވަރާކޮށް، އެ ރިޕޯޓްތައް ފާސްކުރުން އޮތެވެ.

މާލެ ވިޔަފާރި ބަނދަރު ބަލަހައްޓާ ކުންފުނި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ (އޭޖީއެމް) ކާމިޔާބުކަމާއެކު ބާއްވައިފި އެވެ.
މި ޖަލްސާގައި އެމްޕީއެލްގެ ބޯޑް އޮފް ޑައިރެކްޓަރުންނާއި ކުންފުނީގެ ހިއްސާދާރުން ތަމްސީލުކުރާ މިނިސްޓްރީ އޮފް ފައިނޭންސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ މަންދޫބުންނާއި އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ފަރާތުންވެސް މި ޖަލްސާގައި ބައިވެރިވި އެވެ.
ޖަލްސާގެ މައިގަނޑު ކަންތައްތައް - މި ޖަލްސާގައި މާލީ ރިޕޯޓް ފާސްކުރުމާއި 2024 ވަނަ އަހަރުގެ ކުންފުނީގެ މާލީ ހިސާބުތަކާއި އޮޑިޓް ރިޕޯޓްތަކާ މެދު މަޝްވަރާކޮށް، އެ ރިޕޯޓްތައް ފާސްކުރުން އޮތެވެ. އަދި ނިމިދިޔަ އަހަރު ބަނދަރުގެ ޚިދުމަތްތައް ތަރައްޤީކުރުމަށް ކުރެވުނު މަސައްކަތްތަކާއި ކުންފުނީގެ ލަނޑުދަނޑިތައް ހާސިލުވެފައިވާ މިންވަރާ ބެހޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެ އެވެ.
މީގެ އިތުރުން، ކުރިއަށް އޮތް އަހަރުތަކުގައި ބަނދަރުގެ އޮޕަރޭޝަންތައް ޒަމާނީކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުންފުނިން ގެންގުޅޭ ތަސައްވުރާ ބެހޭގޮތުން ބޯޑުން މަޝްވަރާކޮށްފައިވެ އެވެ.
ރާއްޖެއަށް އެތެރެކުރާ މުދާ ނުވަތަ އިމްޕޯޓް އިތުރުވުމާ ގުޅިގެން، ކުންފުނީގެ ޖުމްލަ އާމްދަނީ ވަނީ އަހަރަކަށްވުރެ އަހަރެއް ކުރިއަރާފަ އެވެ. އެ ކުންފުންޏަށް 2024 ވަނަ އަހަރުގެ ނިޔަލަށް 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު ސާފު ފައިދާއެއް ލިބިފައިވެ އެވެ.