އަލިރަަސްގެފާނު ޝަހީދުވިތާ މިއަދަށް މިވަނީ 482 އަހަރު ފުރިފަ އެވެ. އަލި ރަަސްގެފާނު ޝަހީދު ކުރުމަށްފަހު ޕޯޗުގީޒުންގެ އަޅުވެތިކަމުގައި ރާއްޖެ 15 އަހަރު އޮތެވެ. އޭގެފަހުން ރާއްޖެ މިނިވަން ކުރެއްވީ ބޮޑުތަކުރުފާނެވެ.

އަލިރަަސްގެފާނުގެ ހިތްވަރާއި ފަންވަރުގެ ރޫޙު ތާއަބަދަށް މި ގައުމުގައި ދިރި ހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިއަދު ފާހަގަ ކުރަމުން ގެންދާ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ލިޔުއްވާފައިވާ ގޮތުގައި ދިވެހި ގައުމުގެ ދިފާއުގައި ހަނގުރާމައިގެ މައިދާނުގައި ޖިހާދު ކުރައްވަނިކޮށް އަލިރަަސްގެފާނު ޝަހީދުވިތާ މިއަދަށް މި ފުރުނީ 482 އަހަރު ފުރިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި ހިޖުރައިން 965 ވަނަ އަހަރު ޝައުބާންމަހުގެ 1 ވަނަ ދުވަހު ދުޝްމިނުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން އެންމެ ފަހު ނޭވަޔާ ހަމަޔަށް މި ހިތްވަރުގަދަ ގައުމީ ބަތަލު ދެއްކެވި ހިތްވަރާއި ފަންވަރުގެ ރޫހު ތާއަބަދު މި ގައުމުގައި ދިރިދިރި ހުންނާނެ ކަމަށެވެ.
"ގައުމަށްޓަކައި ޖިހާދު ކުރައްވައި ޝަހީދުވި ފަހުލަވާނުންނާއި ގައުމީ ހިދުމަތުގައި ވާޖިބު އަދާކުރަމުން ދަނިކޮށް ޝަހީދުވި ހިތްވަރުގަދަ ކެރޭ ދަރީންގެ ފަނޑުވުމެއް ނެތް ޒިކުރާވެސް މިއަދު އަޅުގަނޑުމެން މިއާކުރަނީ ޝުކުރުވެރިކަމާއެކު. އިރާދަކުރެއްވިއްޔާ އަލިރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެ. މާތްﷲގެ ތަނަވަސް ރަހުމަތްފުޅާއެކު މިނިވަންކަން މަތީ ދިވެހި ގައުމު ދެމިއޮންނާނެ،" ރައީސް ވިދާޅުވެފައިވެ އެވެ.
އަލިރަސްގެފާނަކީ ރާއްޖޭގެ ތާރީހުގައި ފާހަގަކޮށްލެވޭ އެންމެ ހިތްވަރުގަދަ އަދި ވަތަނީ އެއް ބަތަލެވެ. އެމަނިކުފާނަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރުމަށްޓަކައި ހަނގުރާމަކުރައްވައި ޝަހީދުވި މިނިވަންކަމުގެ ރަމްޒެކެވެ.
ޕޯޗުގީޒުންގެ އަނދިރިއަނދިރިންގެ ލަޝްކަރު މާލެއަށް އަރައިގަތް ވަގުތު، އަލިރަސްގެފާނު ނުކުންނެވީ މަދު މީސްކޮޅަކާއެކު ދީނާއި ގައުމުގެ ދިފާއުގަ އެވެ. މާލޭގެ އުތުރު ފަރާތު އަތިރިމަތީގައި ކުރެވުނު މި ހަނގުރާމައިގައި، އެމަނިކުފާނު ޝަހީދުވީ އެކަނިމާއެކަނި ޕޯޗުގީޒުންގެ ލަޝްކަރާ ކުރިމަތިލައްވައި ހަނގުރާމަކުރައްވަނިކޮށް ބަޑީގެ ހަމަލާއެއް އަމާޒުވެގެންނެވެ.
އަލިރަސްގެފާނު ޒިޔާރަތް ހުންނަނީ އަލިރަސްގެފާނު ޝަހީދުވި ތަނުގައި، މާލޭގެ ހުޅަނގު އުތުރު ފަރާތު އަތިރިމަތީގަ އެވެ. މިއަދާ ހަމައަށްވެސް އެ ސަރަޙައްދަށް ކިޔަނީ "އަލިރަސްގެފާނު ޒިޔާރަތް" ސަރަހައްދެވެ. އަލިރަސްގެފާނު ޝަހީދުވުމާއެކު ރާއްޖޭގެ މިނިވަންކަން ގެއްލި ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ދިޔަ އެވެ. މި އަޅުވެތިކަން 15 އަހަރާއި 6 މަސް ދުވަހަށް ދެމިގެންދިޔަ އެވެ. ރާއްޖެއަށް އަލުން މިނިވަންކަން ލިބުނީ ބޮޑުތަކުރުފާނު (މުހައްމަދު ތަކުރުފާނު) ޕޯޗުގީޒުން ބަލިކުރައްވައި މާލެ ފަތަހަކުރެއްވުމުންނެވެ.