"ނަދީފް މުހައްމަދު އަކީ އެކި ފަރާތްތަކުގެ އަތުން ކޭޝްކާޑު ކުއްޔަށް ނަގައިގެން އޭޓީއޭމް މެދުވެރިކޮށް ސްކޭމްގެ ފައިސާ ނަގަމުންދާ މީހެއްކަން ތަހުގީގަށް އެނގިފައިވޭ،" ފުލުހުން ބުނެފައިވެ އެވެ.

މީހެއްގެ ބޭންކު އެކައުންޓް ހެކްކޮށްގެން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއްގައި ހައްޔަރު ކުރި މީހާއަކީ ކޭޝްކާޑު ކުއްޔަށް ނަގައިގެން އޭޓީއެމްއިން ފައިސާ ނަގާ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.
މީހެއްގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ގއ. ގެމަނަފުށި، ރަންކޮކާގެ، ނަދީފް މުހައްމަދު 36، އެވެ.
ފުލުހުން ބުނީ ނަދީފް ހައްޔަރުކޮށްފައި ވަނީ ވިޔަފާރިކުރާ މީހަކަށް ކަސްޓަމަރެއްގެ ގޮތުގައި ގުޅައި، އެމީހާ އަތުން އޯޓީޕީ ހޯދުމަށްފަހު، އެމީހާގެ ބޭންކު އެކައުންޓުން ފައިސާ ވަގަށް ނަގާފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ޑިސެމްބަރު 29 ވަނަ ދުވަހު ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލާގައި މިހާތަނަށް ބެލިބެލުމުން، 29،600 އަށްވުރެ ގިނަ ފައިސާ އެހެން މީހެއް އެކައުންޓަށް ޖަމާކޮށް، އެކިފަހަރު މަތިން 24،700 ރުފިޔާ އޭޓީއެމް މެދުވެރިކޮށް އޭނާ ނަގާފައިވާ ކަމަށެވެ. އަދި 4900 އަށްވުރެ ގިނަ ރުފިޔާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު އެ ފައިސާތައް ނަގާފައިވާކަން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
"ނަދީފް މުހައްމަދު އަކީ އެކި ފަރާތްތަކުގެ އަތުން ކޭޝްކާޑު ކުއްޔަށް ނަގައިގެން އޭޓީއޭމް މެދުވެރިކޮށް ސްކޭމްގެ ފައިސާ ނަގަމުންދާ މީހެއްކަން ތަހުގީގަށް އެނގިފައިވޭ،" ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ ނަދީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވެ އެވެ. އަދި އޭނާއަށް ދީފައިވާ ފުރަތަމަ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ވަނީ ބަންދުކޮށްފަ އެވެ.