ލައްގާފައިވާ ތަކެތީގެ އަދަދު 20 އާއި 30 އާ ދެމެދުގެ އަދަދަކަށް ހުންނާނެ ކަމަށް ބެލެވެ އެވެ.

އިނގިރޭސިވިލާތުގެ ދެކުނު އިރުމަތީ އައްސޭރިފަށުގެ ރަށެއް ކަމަށްވާ އީސްޓްބޯންގެ ގޮނޑުދޮށަށް، ކޮންޓޭނަރު އުފުލާ ބޯޓަކުން ކަނޑަށް އެޅުނު ގިނަ އަދަދެއްގެ ކޮންޓެއިނާތަކެއް ކަނޑަށް ވެއްޓި ފިޔާ ބަސްތާތަކާއި ފްރެންޗް ފްރައިޒްތައް ލައްގައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 8 ވަނަ ދުވަހު ކުރިމަތިވި ގަދަ ތޫފާނެއްގައި، "ލޮމްބޮކް ސްޓްރެއިޓް" ނަމަކަށް ކިޔާ ކޮންޓޭނަރު އުފުލާ ބޯޓަކުން ކާބޯތަކެތި ހުރި 17 ރިފްރިޖަރޭޓަޑް ކޮންޓޭނަރު ކަނޑަށް ވެއްޓުމާ ގުޅިގެންނެވެ.
އީސްޓްބޯންގެ ރަށްވެއްސެއް ކަމަށްވާ ޖޮއެލް ބޮނީސީ ސީއެން.އެން އަށް މަޢުލޫމާތު ދެމުން ބުނިގޮތުގައި ދުރުން ބަލާއިރު މުޅި ގޮނޑުދޮށް އޮތީ ޓްރޮޕިކަލް ރަށެއްގެ ރީނދޫ ދޮންވެލިގަނޑެއް ފަދައިންނެވެ. ނަމަވެސް ކައިރިވުމުން އެއީ ބަސްތާ ތަކުން ބޭރުވެފައި ހުރި އެތައް ހާސް މުދާކަން އެނގުނެވެ.
ލައްގާފައިވާ ތަކެތީގެ އަދަދު 20 އާއި 30 އާ ދެމެދުގެ އަދަދަކަށް ހުންނާނެ ކަމަށް ބެލެވެ އެވެ. މި ތަކެތި ކަނޑަށް އެޅުމުގެ ސަބަބުން ސީލް ފަދަ ކަނޑުގެ ދިރުންތަކަށް، ފެނުގެ ތެރޭގައި ހުންނަ ޕްލާސްޓިކް ކޮތަޅުތަކަކީ "ޖެލީ ފިޝް" (މާކަނޑުކޮޅު) ކަމަށް ހީވެ، އެ ތަކެތި ކެވޭ ގޮތްވެއެވެ.
ބްރައިޓަން އެންޑް ހޯވް ސިޓީ ކައުންސިލުން ބުނިގޮތުގައި މި ހާދިސާއާ ގުޅިގެން އެންމެ ދުވަހަކު ވެސް 1.9 ޓަނުގެ ކުނި ގޮނޑުދޮށުން ވަނީ ނަގާފަ އެވެ. މިއީ އާންމުކޮށް މި ދުވަސްވަރު ނަގާ ކުނީގެ ހަތަރު ގުނަ އިތުރު އަދަދެކެވެ.