ޔޫކޭ ވެސް ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ކުރަން ތައްޔާރު ވަނީ

ދުނިޔޭގައި ފުރަތަމަ ފަހަރަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރި ޤައުމަކީ އޮސްޓްރޭލިއާ އެވެ. ޔޫކޭއިން ވަނީ އެ މޮޑެލް ދަސް ކުރަން ފަށާފަ އެވެ.

ކުޑަކުދިން ސޯޝަލް މީޑިއާގެ ނުރައްކާތަކުން ސަލާމަތްކުރުމަށްޓަކައި، އޮސްޓްރޭލިއާ އިން މިހާރު އަމަލުކުރަމުންދާ ފަދަ ހަރުކަށި އުސޫލެއް ތައާރަފްކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން މަޝްވަރާ ފަށައިފި އެވެ.

ހޯމަ ދުވަހު ޔޫކޭ ސަރުކާރުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަކީ ކިހާވަރެއްގެ ނަތީޖާއެއް ނުކުންނާނެ ކަމެއް ތޯ ބެލުމަށް ދުނިޔޭގެ އެކި ގައުމުތަކުން ހޯދުންތައް އެއްކުރުމަށް ވަނީ ނިންމާފަ އެވެ.

ދުނިޔޭގައި ފުރަތަމަ ފަހަރަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރި ގައުމަކީ އޮސްޓްރޭލިއާ އެވެ. ޔޫކޭގެ ވަޒީރުން އޮސްޓްރޭލިއާއަށް ޒިޔާރަތްކޮށް، އެ ޤައުމުން އެކަން ތަންފީޒުކުރާ ގޮތް ބަލައި، އެއިން ދަސްކުރަންޖެހޭ ކަންކަން ދަސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޔޫކޭ ސަރުކާރުގެ މި ނިންމުން އައިސްފައިވަނީ އޭއައި ބޭނުންކޮށްގެން އުފައްދާ ބަދުއަހްލާގީ ތަސްވީރުތަކުގެ މައްސަލަ ދުނިޔޭގައި ބޮޑުވެފައިވާ ދަނޑިވަޅެއްގައެ އަދި ހާއްސަކޮށް، އޭއައި ބޭނުންކޮށްގެން ކުޑަކުދިންގެ ނުދޭ ފޮޓޯ އުފެއްދުން ހުއްޓުވުމަށް ޔޫކޭ އިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވެސް ނިންމާފަ އެވެ.

މުހިންމު ބަދަލުތައް

  •  އުމުރުގެ މިންގަނޑު: ސޯޝަލް މީޑިއާ ބޭނުންކުރުމުގެ އެންމެ ދަށް އުމުރު މިހާރު އޮތް 13 އަހަރަށްވުރެ މަތިކުރުން
  •  ފޯނު ކާފިއު: ވަކި ގަޑިތަކެއްގައި ފޯނު ބޭނުންކުރުން މަދުކުރުމަށް ފިޔަވަޅު އެޅުން
  •  ފީޗާތައް ކޮންޓްރޯލްކުރުން: އެޑިކްޓިވް ނުވަތަ ދެވިހިފާ ގޮތަށް ހުންނަ "އިންފިނިޓް ސްކްރޯލިން" ފަދަ ފީޗާތައް ކުޑަކުދިންނަށް ބްލޮކްކުރުން

އޮސްޓްރޭލިއާގެ ގާނޫނު ބުނާގޮތުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ އެކައުންޓް ހެދުމާއި ބޭނުންކުރުން މިހާރު ވަނީ މަނާކޮށްފަ އެވެ. މީގެ ތެރޭގައި އެކްސް އާއި ޓިކްޓޮކް، އިންސްޓަގްރާމް އަދި ފޭސްބުކް ފަދަ ޕްލެޓްފޯމްތައް ހިމެނެ އެވެ.

މި ގާނޫނުގެ އެންމެ ތަފާތު ސިފައަކީ ގާނޫނާ ހިލާފުވެގެން ކުޑަކުދިންނަށް ނުވަތަ ބެލެނިވެރިންނަށް އަދަބު ނުދޭކަމެވެ. އޭގެ ބަދަލުގައި ބޮޑެތި ޖޫރިމަނާތަކެއް ކުޑަކުދިން އެކައުންޓް ހެދުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ނާޅާ ސޯޝަލް މީޑިއާ ކުންފުނިތައް 50 މިލިއަން އޮސްޓްރޭލިއަން ޑޮލަރާ (ގާތްގަނޑަކަށް 32 މިލިއަން ޔޫއެސް ޑޮލަރު) ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ކުންފުނިތަކުން އުމުރު ކަށަވަރު ކުރުމަށް ބަޔޮމެޓްރިކްސް ނުވަތަ ސަރުކާރުން ގަބޫލުކުރާ އައިޑީ ބޭނުންކޮށްގެން އުމުރު ޔަގީންކުރާނެ ވަރުގަދަ ނިޒާމެއް ގާއިމްކުރަން ޖެހެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.