މި ހިނގާ މިމަހުގެ އަށް ވަނަ ދުވަހު އެވެ. ގާތްގަނޑަކަށް 200 އެއްހާ މީހުން ހިމެނޭ ގްރޫޕަކުން ވަނީ ސަފީރުގެ ގޭކޮޅަށް ޕެޓްރޯލް ބޮން އުކައި ގޭގެ ތެރެ އަށް ވަދެގަނެފަ އެވެ.

އީރާން ސަރުކާރާ ދެކޮޅަށް ހުޅަނގުން ވާގިވެރިކަން މުޒާހަރާކުރި މީހުން ވެރިރަށް ތެހެރާންގައި ހުންނަ ފަލަސްތީނުގެ ސަފީރު ސަލާމް ޒަވާވީ ދިރިއުޅުއްވާ ގޭކޮޅަށް ވަދެގަނެ ދިން ނުރައްކާތެރި ހަމަލާއެއްގައި، ސަފީރަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދީފި އެވެ.
މި ހިނގާ މިމަހުގެ އަށް ވަނަ ދުވަހު އެވެ. ގާތްގަނޑަކަށް 200 އެއްހާ މީހުން ހިމެނޭ ގްރޫޕަކުން ވަނީ ސަފީރުގެ ގޭކޮޅަށް ޕެޓްރޯލް ބޮން އުކައި ގޭގެ ތެރެ އަށް ވަދެގަނެފަ އެވެ. މި ހަމަލާގެ ސަބަބުން ގޭގައި އަލިފާން ރޯވެ، ސަފީރު ސަލާމް ޒަވާވީ އާއި ބައެއް މުވައްޒަފުންނަށް ދުމުގެ އަސަރުކޮށްގެން ނޭވާލާން އުނދަގޫވުމުގެ އިތުރުން އެކިވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.
އީރާންގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމަލާދިން ވަގުތު ސަފީރާއި މުވައްޒަފުން ތިއްބެވީ ގޭގެ ބޭސްމަންޓް (އަޑީބައި) ގަ އެވެ. އީރާންގެ ސަލާމަތީ ބާރުތަކުން އެ ސަރަޙައްދަށް ގޮސް، މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލައި ސަފީރާއި މުވައްޒަފުން ވަނީ ރައްކާތެރިކަމާއެކު އެތަނުން ނެރެފަ އެވެ.
މި ހާދިސާއާ ގުޅިގެން ފަލަސްތީނުގެ މިޝަނުން ނެރުނު ބަޔާނެއްގައި އީރާންގެ ސަލާމަތީ ބާރުތަކުން ސަފީރުގެ ފުރާނަ ސަލާމަތްކުރުމަށް ކުރި މަސައްކަތަށް ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި މި ހަމަލާދިން މީހުންނަކީ ގައުމީ ސަލާމަތަށް ނުރައްކާކުރި ފަނާކުރަނިވި ބައެއްގެ ގޮތުގައި އެ މިޝަނުން ވަނީ ސިފަކޮށްފަ އެވެ.
ސަލާމް ޒަވާވީ އީރާންގައި ހުންނަ ފަލަސްތީނުގެ ސަފީރުކަމާ ހަވާލުވެވަޑައިގަތީ 2022 ވަނަ އަހަރު އެވެ. އޭނާ އެ މަގަމަށް ވަޑައިގަތީ، އެ މަގަމުގައި 40 އަހަރު ދުވަހު ހުންނެވި އޭނާގެ ބައްޕަ ސަލާޙް ޒަވާވީ އަށް ފަހުގަ އެވެ.