މި އަހަރުގެ ޖެނުއަރީ 1 އިން 17 ގެ ނިޔަލަށް ވަނީ ޖުމްލަ 120,630 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މިއީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު 10.2 ޕަސެންޓުގެ ބޮޑު ކުރިއެރުމެކެވެ.

މި އަހަރުގެ ފުރަތަމަ 18 ދުވަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖެ އަށް މިމަހު 214,00 އަށްވުރެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށް އަންދާޒާ ކުރެވިއްޖެ އެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެނީ، ފާއިތުވި ދެ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފަތުރުވެރިން އައި އަދަދު ވަރަށް ބޮޑަށް އިތުރުވުމާއި، ޗައިނާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުގެ ގޮތުގައި ދާދި އަވަހަށް އަނެއްކާވެސް ބަދަލު ވެގެން ދިއުމެވެ. ތަފާސް ހިސާބުތަކުން ފެންނަނީ އެ މަންޒަރެވެ.
ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ 1 އިން 17 ގެ ނިޔަލަށް ވަނީ ޖުމްލަ 120,630 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މިއީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު 10.2 ޕަސެންޓުގެ ބޮޑު ކުރިއެރުމެކެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. މިއީ ފާއިތުވި އަހަރުތަކުގައި ރަޝިއާ އަދި އިޓަލީ ފަދަ ގައުމުތަކުން ހިފަހައްޓާފައިވާ މަގާމެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ޗައިނާ އޮތީ ހަތަަރު ވަނައިގައެވެ. ނަމަވެސް މި އަހަރު އެ ޤައުމު ވަނީ އެންމެ ކުރިއަށް ޖެހިލާފައެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި ހަ ވަނައިގައި އޮތް އިންޑިއާ، މި އަހަރުގެ މިހާތަނަށް ވެސް އޮތީ ހަ ވަނައިގަ އެވެ. އަދި އެ ގައުމުން އައިސްފައިވަނީ ޖުމްލަ 4,458 ޓޫރިސްޓުންނެވެ. މި ފަސް ޤައުމުން އެކަނިވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ 50 ޕަސެންޓަށްވުރެ ބޮޑު ބައެއް ހިއްސާކުރެ އެވެ.
މި އަހަރުގެ މިހާތަނަށް ދުވާލަކު އެވްރެޖްކޮށް 7,096 ފަތުރުވެރިން ރާއްޖެއަށް އާދެ އެވެ. އަދި ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 7.6 ދުވަހު މަޑުކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިހާރު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޖުމްލަ 1,192 ތަނެއް ވަނީ ރަޖިސްޓްރީކޮށްފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ ރިސޯޓް: 179 ގައި ހުރި 44,807 އެނދާއި 843 ގެސްޓްހައުސްގައި ހުރި 14,464 އެނދު އަދި 156 ސަފާރީ އުޅަނދުތަކުގައި 2,965 އެނދެވެ. މީގެ އިތުރުން 14 ހޮޓަލުގައި ހުރި ޖުމްލަ 1,936 އެނދު ވެސް ހިމެނެ އެވެ. މިއާއެކު ޓޫރިޒަމްގައި ހުރި ޖުމްލަ އެނދުގެ އަދަދު 64,172 އަށް އިތުރުވެ، މީގެތެރޭން އޮޕަރޭޝަނުގައި 62,817 އެނދު ހުރި ކަމަށް ދައްކަ އެވެ.