މުއްތަލިބު ދެއްވީ ގޯއްޗާއި ފްލެޓު މި ދައުރު ތެރޭގައި ހަވާލުކުރާނެކަމުގެ ޔަގީންކަން

މިނިސްޓަރު ވިދާޅުވީ މީގެކުރިން އެއްވެސް ސަރުކާރަކަށް އެ ސަރުކާރަކުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ނިންމައި، އެ ސަރުކާރެއްގައި ހަވާލުކުރެވިފައި ނުވުމުގެ ސަގާފަތަށް، މި ސަރުކާރުން ނިމުމެއް ގެންނާނެ ކަމަށެވެ.

މިނިސްޓަރު މުއްތަލިބު މީޑިއާތަކަށް އިންޓަވިއު ދެއްވަނީ. --ފޮޓޯ: ހައުސިން މިނިސްޓްރީ

މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސްކީމުގެ ދަށުން މިއަދު ހުޅުވައިލި ގޯއްޗާއި ފްލެޓުތައް، ސަރުކާރުގެ މި ދައުރުގެ ތެރޭގައި ނިންމައި، ހަވާލުކުރާނެކަމުގެ ޔަގީންކަން، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ދެއްވައިފި އެވެ. 

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ ފުރަތަމަ ބޯހިޔާވަހިކަމުގެ ސްކީމަށް ކުރިމަތިލާން މިއަދު ވަނީ ހުޅުވާލައިފަ އެވެ.

ސަރުކާރުގެ މި ބޯހިޔާވަހިކަމުގެ ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން މާލޭ ސަރަހައްދުން ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އޭޕްރީލް 17 ވަނަ ދުވަހުގެ 23:59 ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. އަދި ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މާޗު ހަތަރު ވަނަ ދުވަހުގެ 23:59 ގެ ނިޔަލަށް ކަމަށެވެ.

ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު ވިދާޅުވީ މީގެކުރިން އެއްވެސް ސަރުކާރަކަށް އެ ސަރުކާރަކުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ނިންމައި، އެ ސަރުކާރެއްގައި ހަވާލުކުރެވިފައި ނުވުމުގެ ސަގާފަތަށް، މި ސަރުކާރުން ނިމުމެއް ގެންނާނެ ކަމަށެވެ. 

"2008 ގެ ފަހުން އެއްވެސް ސަރުކާރަކަަށް އެ ސަރުކާރަކުން ފެށި ޕްރޮޖެކްޓްތަކެއް ނިންމައި ފްލެޓަށް މީހުން ވެއްދިފައެއް ނުވޭ. އިރާދަކުރެއްވިއްޔާ މި ސަރުކާރުން އެކަން ބަދަލުކުރާނަން. އަޅުގަނޑުމެންގެ އަމާޒަކީ މި މަސައްކަތްތައް ނިންމައި މީހުންނަށް ދިރިއުޅެވޭވަރު ކުރުން،" އޭނާ ވިދާޅުވި އެވެެ. 

ފްލެޓުތަކުގެ އިތުރުން، މި ސްކީމްގެ ދަށުން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ ހަދައި އިން ވަކިކޮށް ގޯތިތައް ވެސް ހަވާލުކުރާނެ ކަމުގެ ޔަގީންކަން މުއްތަލިބު ދެއްވި އެވެ. 

މި ސްކީމުގެ ދަށުން މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މާލެ ސަރަހައްދުން 7,900 ފްލެޓް ދޫކުރުމަށް ވެސް ސަރުކާރުން ނިންމާފައިވެ އެވެ. 

މުއްތަލިބު ވިދާޅުވި ގޮތުގައި، މި ސްކީމްގެ ދަށުން އިއުލާނުކޮށްފައިވާ 7،900 ފްލެޓު އެޅުމަށް ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފަ އެވެ. 

މިގޮތުން، އެ ފްލެޓުތަކުގެ ތެރޭގައި ހިމެނެނީ ބީއެމްއެލްއާ ހަވާލުކޮށްގެން ހަދާ 2،000 ފްލެޓްގެ މަޝްރޫއު އާއި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ 4،000 ފްލެޓާއި ސައުދީ ފަންޑާއި އެހެނިހެން ބޭރުގެ އެހީތަކުގައި ކުރިއަށް ގެންދާ މަޝްރޫއުތައް ކަމަށް އޭނާ ވިދާޅުވި އެވެ. 

ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފަ އެވެ. އެ ކެޓެގަރީތަކުގެ ތެރޭގައި ދައުލަތުގެ އެކި މުއައްސަސާތަކާއި ފުލުހުންނާއި ސިފައިން އަދި އެކަނިވެރި މައިންނާއި ބަފައިންނަށާއި މަސްވެރިންނާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ޓެކްސީ ޑްރައިވަރުންނަށް ވެސް ފްލެޓް ހާއްސަކޮށްފައިވެ އެވެ.

މި ސްކީމުން ގޯތި ލިބޭނީ މާލޭގައި ރަށްވެހި ވެގެން އުޅޭތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވީ މިހުންނަށެވެ. ދެން ގޯތިދޭ ބައިގައި ހިމެނެނީ މާލޭގައި ދިިރުއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށް ވެހިންނެވެ. މި ފަރާތްތަކަށް ގޯތިދޭނީ ރަސްމާލެއިންނެވެ. މި ސްކީމުން ވެސް ފްލެޓް ލިބޭނީ މާލޭގައި މެދުނުކެނޑި ދިިރިއުޅެމުންދާތާ 15 އަހަރުވެފައިވާ ފަރާތްތަކަށެވެ.

އެގޮތުން މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ދިނުމަށް ނިންމާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.