"ފެނިފައިވަނީ ގެއްލިގެން ހޯދަމުންދިޔަ ދިވެހި މީހާގެ ހަށިގަނޑު. ގެއްލުނު ބަނގުލަދޭޝް މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން،" އެމްއެންޑީއެފުން ބުންޏެވެ.

މުދާ އުފުލާ ބޯޓެއް މިއަދު ބަންޑުން ޖަހާލައި، ގެއްލިގެން ހޯދަމުންދިޔަ ދެ މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު ފެނިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.
ތާޖް އެގްޒޯޓިކާ ރިސޯޓު ކައިރިއަށް ބަންޑުން ޖަހާލާފައިވަނީ "ބަލްމާ-6" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ.
އެ އުޅަނދުގައި ހަތަރު މީހުން ދަތުރުކުރިއިރު، އެތަނުން ދެ މީހަކު އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ވަނީ ނަގާފައިވާއިރު، ގެއްލިގެން ހޯދަނީ ދިވެއްސަކާއި ބިދޭސީއެކެވެ.
އެމްއެންޑީއެފުން ދެންމެއަކު ބުނީ، ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ތާޖް އެގްޒޯޓިކާ ކައިރިން ފެނިފައިވާ ކަމަށެވެ.
"ފެނިފައިވަނީ ގެއްލިގެން ހޯދަމުންދިޔަ ދިވެހި މީހާގެ ހަށިގަނޑު. ގެއްލުނު ބަނގުލަދޭޝް މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން،" އެމްއެންޑީއެފުން ބުންޏެވެ.
އެ ދިވެހި މީހާގެ ހަށިގަނޑު އެމްއެންޑީއެފުން މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
އެ ބޯޓު ބަންޑުން ޖަހާލީ ކީއްވެ ކަމެއް އަދި ސާފެއް ނުވެ އެވެ.