އެހެން އިންތިހާބުތަކާ ހިލާފަށް މިފަހަރުގެ އިންތިހާބަށް ކެނޑިޑޭޓުން ފޯމު ހުށަހަޅަންޖެހޭނީ އޮންލައިންކޮށެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ހުޅުވާލައިފި އެވެ.
މި އިންތިހާބު ބާއްވަން އިއުލާނުކޮށްފައިވަނީ، އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިއަދުން ފެށިގެން، އަންނަ މަހުގެ އެއް ވަނަ ދުވަހުގެ މެންދުރު 3:30 އާ ހަމައަށް އޮންނާނެ އެވެ.
އެހެން އިންތިހާބުތަކާ ހިލާފަށް މިފަހަރުގެ އިންތިހާބަށް ކެނޑިޑޭޓުން ފޯމު ހުށަހަޅަންޖެހޭނީ އޮންލައިންކޮށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއި، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ދައްކަންޖެހޭ އިދާރީ ފީ ދައްކާނީ މި ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށެވެ.
އަދި އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް އީސީން އަންގާނީވެސް އެ ޕޯޓަލް މެދުވެރިކޮށެވެ.
މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 294,937 މީހަކަށް ލިބެ އެވެ. އެއީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.
މި ފަހަރުގެ އިންތިހާބުގައި ކައުންސިލްތަކުގެ ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރަންޖެހޭއިރު، ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން، ޑަބްލިޔުޑީސީތަކަށް 678 އިންތިހާބުކުރަންޖެހެ އެވެ.
އެހެންކަމުން މިފަހަރުގެ އިންތިހާބުގައި ޖުމްލަ 1،356 މެންބަރުން އިންތިހާބު ކުރެވިގެންދާނެ އެވެ.
އީސީން ވޯޓު ފޮށިތަކުގެ ތަފްސީލް އާންމުކޮށްފައިވާއިރު މި އިންތިހާބުގައި އަތޮޅުތަކުގެ ރަށްރަށުގައި 321 ވޯޓު ފޮށި ބަހައްޓާނެ އެވެ. އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި 240 ވޯޓު ފޮށި ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
މިފަހަރުގެ އިންތިހާބުގައި ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި 3 ފޮށި، ޖަލުތަކުގައި 5 ވޯޓު ފޮށި، ރިސޯޓުތަކުގައި 50 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. މީގެއިތުރުން، ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ، މެލޭޝިއާގެ ކުއަލަލަމްޕޫރުގައި އާއި ސްރީލަންކާގެ ކޮލަމްބޯގަ އެވެ.